ރައީސަށް ލަފާދިނީ 2000އިން ފެށިގެން އުފަންވި މީހުންނަށް ސިނގިރޭޓް މަނާ ކުރަން

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތައާރަފުކުރައްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ޖީލަކަށް ސިނގިރޭޓު މަނާކުރުން ނުވަތަ ޖެނެރޭޝަނަލް ބޭންއާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންގެ ޚިޔާލު ހޯއްދަވަން ހެދި ޕޯލުގެ ވަގުތު ހަމަވިއިރު އެންމެ ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް މަނާކުރަން ކަން ހާމަވެއްޖެއެވެ.

ޖެނަރޭޝަން ބޭންގެ ވާހަކަ އެންމެ ފުރަތަމަ އެމަނިކުފާނު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

މި މަހުގެ ދެވަނަ ދުވަހު އޮތް ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަން ބޭންއާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ އާއްމުންގެ ހިޔާލު ހޯދުމަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ:

  • ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

އެއާއެކު އެކްސް، ފޭސްބުކް، އަދި އިންސްޓަގްރާމްގައި، އެ ތިން ހުށަހެޅުން ހިމެނޭހެން ޕޯލެއް ވެސް ރައީސް ފެއްޓެވިއެވެ. މިއަދު އެ ޕޯލްގެ ވަގުތު ހަމަވިއިރު އެކްސްގައި އެ ޕޯލަށް 5،501 މީހުން ވޯޓު ދިނެވެ.

އޭގެ ތެރެއިން 51.1 ޕަސެންޓު ތާއީދުކުރީ ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ 2،809 ވޯޓެވެ.

ޖުމްލަ ވޯޓުގެ ތެރެއިން 41 ޕަސެންޓު މީހުން ތާއީދުކުރީ ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާށެވެ. އެއީ 2،242 ވޯޓެވެ.

ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ވޯޓުދިނީ އެންމެ 450 މީހުންނެވެ. އެއީ އެންމެ އަށް ޕަސެންޓެވެ.

ފޭސްބުކްގައި ނަތީޖާ އައި ގޮތް:

  • 2007: 23%
  • 2004: 4%
  • 2000" 72%

އިންސްޓަގްރާމްގައި ނަތީޖާ އައި ގޮތް:

  • 2007: 43%
  • 2004: 13%
  • 2000: 45%

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

comment ކޮމެންޓް