އިދިކޮޅު އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެސް ބައްދަލުވުމެއް ބާއްވަން، އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހީމް ވަހީދު (އިބުރޭ) "ސަން"އަށް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރެޔަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ފެށުމަށް ހުށަހަޅާނެ ކަމަށެވެ.
"ކޮންގްރެސް ބާއްވާށާއި، ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތަކާއި، އެ ކަމަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ހުށަހަޅަނީ" އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސުން ނުވަތަ ނައިބު ރައީސުންނާއި، ދާއިރާ ރައީސުން ނުވަތަ ނައިބު ރައީސުންނާއި، އެ ޕާޓީއަށް ނިސްބަވްތާ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ.
އެމްޑީޕީގް ކޮންގްރެސް ބޭއްވުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ހުށަހެޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އަދި އެ ޕާޓީގެ ރިޔާސީ ޓިކަޓަށް ޕާޓީގެ އެތެރޭގައި ވާދަވެރިކަން ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެސްއެއް ބާއްވަން ޖެހޭނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް، ކޮންމެ ވަގުތަކު ވެސް އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވިދާނެ އެވެ. އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވީ 2022ވަނަ އަހަރެވެ.
ކޮންގްރެސްގެ އެ ބައްދަލުވުމުން ކުރިޔަށް ގެންދިޔައީ އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ދެމެދު ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ވެސް ކޮންގްރެސްއެވެ.