މި އަންނަ މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ ރާޖް ކުމާރު ގުޕްތާ ޑައިރެކްޓްކޮށް ކުމާރު މަންގަތު ޕަތަކް އަދި އަބިޝޭކް ޕަތަކް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ވަރަށް ކުލަގަދަކޮށް ބޭއްވި ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފްލާ އޮތީ މުމްބާއީގެ މަލްޓިޕްލެކްސް ތިއޭޓަރެއްގައެވެ.
ފިލްމާ ގުޅޭގޮތުން މީޑިއާއިން ސުވާލުކޮށްފައިވަނީ ރެއިޑްކުރާ ކަޅު ފައިސާ ބޮލީވުޑްގެ ސުޕަސްޓާރުން ކަމަށްވާ ޝާހާއި ސަލްމާންގެ ގެއިން ފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯއެވެ.
މި ސުވާލުގެ ޖަވާބުގައި އަޖޭ ބުނެފައި ވަނީ އޭނާއަކީ ހަގީގީ ދިރިއުޅުމުގައި އިންކަމް ޓެކްސް އޮފިސަރެއް ނޫން ކަމަށާއި ސަލްމާނާއި ޝާހުގެ ގެ ރެއިޑް ނުކުރާނެ ކަމަށެވެ.

ފިލްމު "ރެއިޑް 2"ގެ ޓްރެއިލާ ރިލީޒްކުރި އިވެންޓުގައި އަޖޭ އަދި ބަތަލާ ވާނީ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ
އަޖޭއާ އެކު ބަތަލާގެ ރޯލުން ވާނީ ކަޕޫރު ފެންނާނެ މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރެއިޑް"ގެ ދެވަނަ ބައެވެ. އަޖޭ ފިލްމުގައި ކުޅެފައި ވަނީ ޓެކުހަށް މަކަރު ހަދާ މީހުން އަތުލައިގަންނަ އިންކަމް ޓެކްސް އޮފިސަރުންތަކެއް ހިމެނޭ ޓީމުގެ އިސްވެރިއެއްގެ ރޯލެވެ.
މި އަހަރުގެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ރެއިޑް 2"ގެ ވިލެންގެ ރޯލުން ފެންނާނީ އެކްޓަރު ރިތޭޝް ދޭޝްމުކެވެ.
އަޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "އާޒާދު"އިންނެވެ.
ފިލްމު "ރެއިޑް 2"ގެ އިތުރުން އަޖޭގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "މާ"، "ސަން އޮފް ސަރުދާރު 2" އަދި "ދޭ ދޭ ޕިޔާރު ދޭ 2" ހިމެނެއެވެ.