ސްކޫލް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނަކަށް އެ ސްކޫލެއްގެ ޕްރިންސިޕަލް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތަކަށް އެ މިނިސްޓްރީން މެހެމާނުން ހަމަޖެއްސުމުގެ ބާރު ލިބޭ ގޮތަށް އާ އުސޫލެއް އެކުލަވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުން" ސާކިއުލާ ބަދަލުތަކަކާއެކު އެކުލަވާލައިފައެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ އަދި އަޚުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހެއެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވެން ޖެހޭނެއެވެ.
އަދި އެ މީހަކީ އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެފަދަ ކުށެއްގެ ތަހުގީގެއް ވެސް ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އެފަދަ ކުށެއްގެ ސަބަބުން ހުކުމެއް ތަންފީޒުކޮށްފިނަމަ އެ މީހާއަކީ އެ ހުކުމް ތަންފީޒުކުރިތާ 10 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ. ހަމައެއާއެކު ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރިކަމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑެއް އޮތް މީހަކުކަމުގައި ވެގެން ނުވާނެއެވެ.
ސާކިއުލާގައި ވަނީ ޝަރަފުވެރި މެހެމާނުން ހަމަޖައްސާނެ ރަސްމިއްޔާތުތަކުގެ ގިންތިތައް ވެސް ކަނޑައަޅައި، އެ ގިންތިތަކުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކުރާނެ ބޭފުޅުންގެ ގިންތިތައް ވެސް ކަނޑައަޅައިފައެވެ. އެގޮތުން:
- ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއާއި، ސްކޫލްގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖުތަމައުގެ ބައިވެރިވުމާއެކު މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތައް. އެގޮތުން 10، 25، 50، 75، 100 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތު - ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- ސްކޫލް ފެންވަރުގައި ފާހަގަކުރާ އަހަރީ ދުވަހުގެ ރަސްމިއްޔާތު - ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނޫނީ މިނިސްޓްރީއާއެކު މަޝްވަރާކޮށް ކަނޑައަޅާ ފަރާތެއް
- ސްޓޫޑެންޓްސް ޕޯސްޓް އެވޯޑިން ސެރަމަނީ - ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް
- ސްކޫލްގެ ގްރެޖުއޭޝަން ސެރަމަނީ - ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް
- ޚާއްސަ އެސެމްބްލީ، ޔުނިފޯމް ހަރަކާތްތައް އަދި ސްކޫލް ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތައް - ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް، ނުވަތަ އެހެން ސްކޫލެއްގެ ޕްރިންސިޕަލް، ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެއް
ސާކިއުލާގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނަކީ ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބޭފުޅުންނެވެ.
އެހެންކަމުން އެ ބޭފުޅުން ސްކޫލްތަކުގެ އެއްވެސް ރަސްމިއްޔާތެއްގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަންނަވާ ހާލަތުގައި، ދައުވަތު ދިނުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީން ކަަމަށް ވަނީ ބުނެފައެވެ.
އަދި އެބޭފުޅުންނާއި އެ ބޭފުޅުންގެ އަރިހުގައި ވަޑައިގަންނަވާ މީހުންގެ ދަތުރު ޚަރަދު ފިޔަވައި އެހެން ޚަރަދުތައް ހަމަޖައްސާނީ އެ ސްކޫލަކުން ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.
އަދި އެ ނޫނަސް ސްކޫލްގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދިނުމަށް ވަޑައިގަންނަވާ އެހެނިހެން ބޭފުޅުންގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަންޖެހޭނީ އެ ސްކޫލަކުންނެވެ.
ހަމައެއާއެކު ހާލަތަށް ރިއާޔަތްކުރުމަށްފަހު، ރަސްމިއްޔާތަކަށް ކަނޑައަޅާފައިވާ ޝަރަފުވެރި މެހެމާނުން ބަދަލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބޭނެއެވެ.
މިނިސްޓްރީން ބުނީ މި ސާކިއުލާއަށް އަމަލުކުރަން ފަށާފައި ވަނީ 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ކަމަށެވެ.