އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް, އެޕަލް ގަޑިއަށް އީ-ސިމް ލޯންޗުކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައި ވަނީ އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމާ ގުޅުވައި "ލިވް އަންލިމިޓެޑް" ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އުރީދޫއިން ބުނީ މި ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދަނީ އެޕަލްއާ އެކުގައި ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް: އުރީދޫއަށް 20 އަހަރު ފުރޭ ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަފު ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މާނިއު މުޙައްމަދު
"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެޕަލްއާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން އަތުގައި ގަޑި އޮވެއްޖެނަމަ މުވާސަލާތު ކުރުމުގެ ފުރުސަތު ފަހިވާނެކަމަށެވެ.
"މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިންމު އެއްޗެއް. ވަރަށް ގިނަ ބޭފުޅުން މަހަށް ދާއިރު ނުވަތަ ދުވަން ދާއިރު ގަޑި އަޅާލައިގެން ދާނެ ނަމަވެސް ފޯނު ޖެހޭނީ ކޮންމެވެސް ދަބަހެއްގެ ތެރެއަށް ލައިގެން ދާން. ނޫނީ ފޯނު މޫދަށް ވެއްޓިދާނެތީ ވަރަށް ބިރުން އުޅޭނީ. މިހާރު އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ގަޑީގައި އިންނަ ސިމުން ހަމަ ފޯނު ރިސީވް ވާނެ." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް
ނިޔާޒް ވިދާޅުވީ ފުރަތަމަ ހަ މަސް ދުވަހު މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހިލޭ ކަމަށެވެ. އެއަށްފަހު މި ޚިދުމަތަށް ކޮންމެ މަހަކު 199 ރުފިޔާ ޗާޖް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނިޔާޒް ވަނީ މިއީ އުރީދޫއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި ކަމެއްކަން ފާހަގަކުރައްވައިފައެވެ.