އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.
ނަސީބުވެރި ފަރާތް ހޮވާފައި ވަނީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓުގައި ބޭއްވި ހަފުލާއެއްގައެވެ.
އެ އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި މީހުންގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބުވެރިޔާއަށް ދިން 100،000ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޖަނަވަރީ ނުވަވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލިއެވެ.
އެގޮތުން ކޮންމެ ހަފުތާއަކު ވިޔަފާރި ކުރި މީހުންގެ މެދުގައި ހޮވި ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާތައްވެސް ވަނީ ދީފައެވެ.
އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަނާ ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.