ޕޮލިސް ކާރެއް ސައިކަލެއްގައި ޖެހި، ތުއްތު ކުއްޖަކު ކާރު ދަށުނުވެ ސަލާމަތްވީ ކިރިޔާ

ކުޑަކުއްޖަކު ގޮވައިގެން ސައިކަލުގައި ދަނިކޮށް ޕޮލިސް ކާރަކާޖެހި އެކްސިޑެންޓުވެއްޖެ --

ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ބާރަށް އައި ޕޮލިސް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 03:50 ހާއިރުކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

މި ވީޑިއޯއިން ފެންނަނީ ތުއްތު ކުއްޖަކު ގޮވައިގެން އަންހެނަކު ސައިކަލުގައި ހަނި ގޯޅިއަކަށް އަޅައިލާ މަންޒަރެވެ. ސައިކަލުގެ ކުރީގައި ތުއްތު ކުއްޖާ އިންނަ އިރު، އޭނާ ސައިކަލު ދުއްވީ ބެލްޓެއް ނާޅުވައެވެ.

ގޯޅިން އަޅައިލާ ހަމަޖެހިނުލެވެނިސް، އެ ގޯޅިން ބާރަށް ނިކުމެގެން އަންނަ ޕޮލިސް ކާރަކާޖެހި އަންހެން މީހާ ވިއްސައިގެން ދެއެވެ. އެއާއެކު ޕޮލިސް ކާރުގެ ފުރޮޅު ދަށަށްވާހެން، އަންހެން މީހާ ގޮވައިގެން އިން ތުއްތު ކުއްޖާ ވިއްސައިގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވެއްޓުމާއެކު ވަގުތުން އަންހެންމީހާ ތެދުވެ ތުއްތު ކުއްޖާ ބިންމަތިން ނަގައި މަގުގެ އެއްކައިރިއަށް ޖެހެއެވެ. އަދި ކާރުގައި ތިބި ދެ ފުލުހުން ކާރުން ފައިބާ އަންހެން މީހާގެ ގާތަށް ދާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކުޅުދުއްފުށި ސިޓީ ފަރީދީ މަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ޕޮލިސް ކާރެއްގައި، ތަހުތު ގޯޅިން ފަރީދީ މަގަށް ނުކުތް ސައިކަލެއް ޖެހި މިއަދު 04:12 ހާއިރު އެކްސިޑެންޓެއް ވެފައި ވާކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވިނަމަވެސް، މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ، މި ދެ އުޅަނދު ވެސް ދުއްވާފައި ވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސު އޮތް ދެމީހުން ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެއް އަހަރުގެ ތުއްތު ކުއްޖަކު ގޮވައިގެން ކަން ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް