ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅިތަކަކާއެކު މިރޭ ވެސް ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މީހުން އަތުލައިގެންފައި ވަނީ މިރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި އުޅަނދުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 54 ފުޅި ފެނުން ކަމަށާއި އެހެންކަމުން މި އުޅަނދު ޓޯކޮށް އެތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައި ވަކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މިފަދަ އޮޕަރޭޝަނެއް ހުޅުމާލޭގައި ހިންގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ ގިނަ އަދަދެއްގެ ބޮނަކުއާ ފުޅިތަކަކާއެކު ބިދޭސީއަކު އަތުލައިގެންފައެވެ.
އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޭން ދުއްވަން އިން ނޭޕާލް ފިރިހެނެއް ކަމަށްވާ އުމުރުން 37 އަހަރުގެ ތިރުތަ ބަހާދުރެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހި ވެސް ފުލުހުން ވަނީ ބަނގުރާ ދަޅުތަކެއް ފޮށިގަނޑަކަށް އަޅައިގެން އުޅުނު ބިދޭސީންތަކެއް ބަލައިފާސްކޮށް ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް އާންމުކޮށް ވެސް ފުލުހުންނަށް ގިނަ އަދަދަކަށް ހުށަހަޅައެވެ.