ދަރިފުޅު ނިސާ ބޭނުންވަނީ ބޮލީވުޑާ ވީހާވެސް ދުރުގައި އުޅެން: ކާޖޮލް

ބަތަލާ ކާޖޮލް ދަރިފުޅު ނިސާ ދޭޥްގަންއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިން ކަމަށް އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދޮށީ ދަރިފުޅު ނިސާ ފިލްމު އިންޑަސްޓްރީއާ ގުޅެން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބަތަލާ ކާޖޮލް ބުނެފިއެވެ.

ކާޖޮލް އާއި އަޖޭ އަކީ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ފިލްމީ ތަރިންނަށްވެފައި ދެ ތަރިންނަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަރިންނަށްވީ ނަމަވެސް އާއިލާގެ ލެގަސީ ދަމަހައްޓަން ދަރިފުޅު ނިސާ ބޭނުންނުވާ ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ނިއުސް18އިން ދާދިފަހުން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ކާޖޮލް ބުނީ، ނިސާގެ އުމުރުން މިހާރު 22 އަހަރުވެފައިވާ ކަމަށާއި ނަމަވެސް ދަރިފުޅު މިވަގުތު ބޭނުންވަނީ ބޮލީވުޑާ ވީހާވެސް ދުރުގައި އުޅުމަށް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ކާޖޮލް އާއި އަޖޭ ދެ ކުދިން ނިސާ އަދި ޔުގްއާ އެކު--ފޮޓޯ/ފިލްމުފެއަ

ނިސާ ވަނީ ކުރިމަގުގައި އޭނާ ކުރަން ބޭނުންވާ ކަންކަން ނިންމާފައި ކަމަށާއި ދަރިފުޅުގެ ޕްލޭންހުރީ ކިޔެވުމަށް ވަގުތު ހުސްކުރުމަށް ކަމަށް ކާޖޮލް ވަނީ މިހަފުލާގައި ބުނެފައެވެ.

ނިސާ އަކީ އަޖޭ އާއި ކާޖޮލްގެ ކައިވެންޏަށް ލިބުނު ދެކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ.

ނިސާގެ ކޮއްކޮ ޔުގް ދޭވްގަން އަޖޭ އާއި ކާޖޮލްއާ އެކު ބައެއް ފިލްމީ ހަފުލާތަކުން ފެނުނު ނަމަވެސް ނިސާ ފާހަގަ ކުރެވެނީ މިފަދަ ހަފުލާތަކާ ވަރަށް ދުރުގައި އުޅޭ ޒުވާނެއްގެ ގޮތުގައެވެ.

ނިސާގެ ދެ ފަރާތުގެ އާއިލާއަކީ ވެސް ފިލްމީ އާއިލާއަކަށް ވެފައި އިންޑަސްޓްރީގެ އެހެން ފިލްމީތަރިންގެ ކުދިންނާ ނިސާއާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އޭގެތެރެއިން ބައެއް ފިލްމީ ތަރިންގެ ކުދިން މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައިވާއިރު ބައެއް ކުދިން އަންނަނީ ފިލްމީ ކެރިއަރު ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

އަޖޭ އާއި ކާޖޮލްގެ ދަރިފުޅު ފިލްމު އިންޑަސްޓްރީއާ ގުޅުމުގެ ޝައުގުވެރިކަމެއް ނެތް ނަމަވެސް ކުރިމަގުގައި ވެސް ނިސާގެ ޚިޔާލު ބަދަލުވެ ފިލްމީ ދާއިރާއާ ގުޅެން ނިންމައިފިނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އަޖޭގެ ދެމަފިރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް