މިހާތަނަށް އެޅުވި އެންމެ މަގުބޫލު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ދަ ހަންގާ ގޭމްސް"ގެ އާ ޕްރީކުއަލް ފިލްމުގެ ކާސްޓިންއަށް ފޭނުންގެ ތަރުހީބު އޮހެން ފަށައިފިއެވެ.
ހަންގާ ގޭމްސް ފްރެންޗައިޒްގެ އާ ވާހަކަ ފޮތެއް މިދިޔަ މަހުގެ ތެރޭގައި ރިލީޒްކުރިއިރު މި ފޮތް ބިނާކޮށްފައިވަނީ އޮރިޖިނަލް ފިލްމުގައި ހިމެނޭ "ހޭމިޗް އެބަނާތީ" އަށެވެ. އަދި އަލަށް ނެރުނު ފޮތަށް ކިޔަނީ "ސަންރައިޒް އޮން ރީޕިން" އެވެ. މި ފޮތް ބިނާކޮށްފައިވާނީ ހޭމިޗް ޒުވާން އިރު އޭނާ ބައިވެރިވާ 48 ވަނަ އަހަރީ ހަންގާ ގޭމްސް އަށެވެ.
މި ވާހަކައަކީ އެތައް ފޭނުންނެއް ކިޔާލަން ބޭނުންވެފައިވާ ވާހަކައަކަށް ވާއިރު ފޮތުގެ ރިލީޒް އާއެކު ފޭނުންނަށް ލިބުނީ ބޮޑު އުފާވެރި ކަމެކެވެ. އަދި އެހާ ހިސާބުން ދެން އާންމުކުރީ ފިލްމު ރިލީޒްކުރާނެ ކަމެވެ.
ލަޔަންސްގޭޓުން އަންނަ އަހަރު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މިހާރު އަންނަނީ ކާސްޓިންގެ މަސައްކަތް ކުރަމުންނެވެ. ގިނަ ރޯލުތަކަށް އެކި އެކްޓަރުން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފައިނަލްވާން ފަށާފައިވާ ރޯލުތަކުގެ ނަންތައް އަންނަނީ އާންމުކުރަމުންނެވެ.
މިހާތަނަށް އާންމުކޮށްފައިވާ ކާސްޓުންގެ ތެރޭގައި އެމާ ތޮމްސަން އާއި އެލް ފޭނިން ރަލްފް ފީނިސްގެ އިތުރުން ކީރަން ކަލްކިން ފަދަ އެކްޓަރުން ހިމެނެއެވެ. މިއިން އެއްވެސް ރޯލެއް ފައިނަލް ވެފައިވާ ނުވި ނަމަވެސް މި އެކްޓަރުން ހަމަޖައްސާފައިވާ ރޯލުތަކަކީ ކިޔުންތެރިން ރޯލުތަކަށް ސިފަކޮށްފައިވާ އެކްޓަރުން ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.
މިގޮތަށް ކާސްޓިން އާ މެދު ފޭނުން ހިތްހަމަ ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންވީމާ މިފަދަ ހާލަތެއް އައުމުން ފޭނުން އަންނަނީ ކާސްޓިން ފައިނަލްކޮށް ރަސްމީ ކާސްޓު އަވަހަށް އިއުލާނު ކުރުމަށް ގޮވަމުންނެވެ.
ހަންގާ ގޭމްސްގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. މިއީ "ބަލާޑް އޮފް ސޯންގްބާޑް" އެވެ. މި ފިލްމަކީވެސް އޮރިޖިނަލް ފިލްމުގެ ޕްރީކުއަލް ފިލްމެކެވެ.