ލާސްޓް އޮފް އަސް ތިންވަނަ ސީޒަނެއްވެސް ނެރެނީ

ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ އެޗްބީއޯގެ މަގުބޫލު ޓީވީ ޝޯ "ލާސްޓް އޮފް އަސް"ގެ ތިންވަނަ ސީޒަނެއް ނެރޭނެ ކަމަށް އިއުލާނުކޮށްފިއެވެ.

އެޗްބީއޯއިން ލާސްޓް އޮފް އަސްގެ ދެވަނަ ސީޒަން ދައްކަން ފަށާފައިވަނީ މި ހަފުތާގެ ތެރޭގައެވެ. ޝޯގެ ފުރަތަމަ އެޕިސޯޑު އާންމުކޮށްފައިވާއިރު ފުރަތަމަ އެޕިސޯޑަށް އަންނަނީ އެތައް ބައެއްގެ ތަރުހީބު ލިބެމުންނެވެ. އެގޮތުން ޝޯގެ ރޭޓިންވެސް ވަރަށް ރަނގަޅެވެ. ކްރިޓީކުންގެ މެދުގައި ޝޯއަށް އޮތީ އިންތިހާއަށް ލޯތްބެވެ.

އެއާއެކު ޝޯގެ ތިންވަނަ ސީޒަން އިއުލާނު ކޮށްފައި މި ވަނީ ދެވަނަ ސީޒަން ދައްކަމުން ދަނިކޮށެވެ.

ޝޯގެ އާ ސީޒަންގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ތިންވަނަ ސީޒަން އާންމުންނަށް ފެންނަވަރު ވާނެއެވެ.

އެޗްބީއޯއިން 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ދައްކާފައިވާ މި ޝޯ ވެފައިވަނީ ބޮޑު ހިޓަކަށެވެ. މަގުބޫލު ގޭމް ސީރީޒަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޝޯ ފެށުނުއިރު ވެސް ވަނީ ބޮޑު ފޭން ބޭސް އެއް ހޯދާފައެވެ.

ލާސްޓް އޮފް އަސްއަށް ލޯބި ކުރާ ގިނަ ބަޔަކު ތިބިއިރު މި ޝޯ ބޮއިކޮޓުކުރަން ވެސް ގިނަ ބަޔަކު ގޮވަމުން ދެއެވެ. ޝޯ ޕްރޮޑަކްޝަން ޓީމުގައި އިޒްރައިލަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ތިބުމުން މި ޝޯ ސްޓްރީމް ނުކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. އަދި ޝޯ ބަލަން ބޭނުން ނަމަ މި ޝޯ ޕައިރެޓް ކޮށްގެން ބެލުމަށް އެމީހުން ގޮވާލަމުން ދެއެވެ.

ލާސްޓް އޮފް އަސްއަކީ ކުއްލި ގޮތަކަށް ދުނިޔެއަށް ފެތުރޭ ވައިރަހެއްގެ ސަބަބުން "ޒޯމްބީސް" ޒާތުގެ އެއްޗެހިތަކެއް އުފެދިގެން އައުމާ އެކު ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމުގައި އަލިއަޅުވާލާނީ ޖޯލް އާއި އެލީގެ ދިރިއުޅުމަށެވެ. ޝޯއިން ވެސް ކިޔައިދޭނީ މި ވާހަކައެވެ. ޝޯގެ ލީޑުން ފެންނާނީ ޕެޑްރޯ ޕާސްކަލް އާއި ބެލާ ރާމްސީއެވެ.

comment ކޮމެންޓް