ދިވެހި ޓޭބަލް ޓެނިސް އެކެޑަމީ، ''އިހާ'' އާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ގުޅިގެން ބާއްވާ ތޮއްޑޫ މާސްޓަސް ޓޭބަލް ޓެނިސް މުބާރާތުގައި 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވާނެ ކަމަށް އެ އެކެޑަމީން މިއަދު ބުނެފިއެވެ.
އއ. ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ މާސްޓާސް ޓީޓީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި އަންނަ އޮގަސްޓު މަހުގެ 19އިން 25އަށެވެ.
ޓޭބަލް ޓެނިސްގައި މާސްޓާސް ކެޓެގަރީއަކީ ތަޖުރިބާކާރު ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީއެއް ކަމަށްވާއިރު، މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.
އެ މުބާރާތުގައި ރެޖިސްޓާ ކުރުމަށް ހުޅުވާލީ މިދިޔަ ޖަނަވަރީ މަހު 13އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.
އެ މުބާރާތާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިހާ އެކެޑަމީގެ އެޑްވައިޒަރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ބުނީ މި މުބާރާތަށް އުއްމީދު ކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މި މުބާރާތުގައި އިންގްލޭންޑް، ސްޕެއިން، ޗައިނާ، ފަދަ ބޮޑެތި ގައުމުތަކުން މާސްޓާސް ވޯލްޑް ޗެމްޕިއަނުން ވާދަކުރާނެ ކަމަށް އޭނާ ބުންޏެވެ.
ލަތީފް ބުނީ އެ މުބާރާތް ފުރިހަމަކޮށް ކުރިޔަށް ގެންދިޔުމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. އަދި ތޮއްޑޫ ސްކޫލުގައި ބާއްވާ އެ މުބާރާތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް އޮތްކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެންމެ އުފާކުރާ ކަމަކީ ވޭތުވެދިޔަ ދެދުވަހު ތޮއްޑުއަށް ގޮސް އަޅުގަނޑުމެން ތޮއްޑުއިން ބައްދަލު ކޮށްލި ކޮންމެ މީހަކީ ވެސް މިކަމަށް ވަރަށް ޝައުގުވެރިވެ މިކަމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި މީހުންކަން. އެހެންވީމަ އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް މި މުބާރާތް ފުރިހަމައަށް ކުރިޔަށް ގެންދެވޭނެ ކަމާމެދު،" ލަތީފް ބުންޏެވެ.
އެ ބައްދަލުވުމުގައި އިހާ ޓީޓީ އެކަޑަމީގެ މެނޭޖިން ޑިރެކްޓަރު އަފްނާން އިބްރާހިމް ބުނީ، އެ މުބާރާތް ކުރިއަށްގެންދާނީ ތޮއްޑޫ ސުކޫލްގެ މަލްޓި ޕާޕަސް ހޯލްގައި ހަ މޭޒު ބަހައްޓައިގެން ކަމަށެވެ.
އެ މުބާރާތުގެ 40 އިންސައްތަ ބައިވެރިންނަކީ 50އާއި 59 އަހަރާ ދެމެދުގެ އުމުރުގެ މީހުންކަމަށް ވެސް އަފްނާން ފާހަގަކުރިއެވެ.
އެ މުބާރާތާ ގުޅޭ ގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، މުބާރާތް ކުރިޔަށް ގެންދަނީ ކުޅުމުގެ އިތުރުން ބައިވެރިންނަށް ޗުއްޓީ ހޭދަ ކޮށްލެވޭ ގޮތަށް ކަމަށެވެ. އެކަމުގެ ސަބަބުން ތޮއްޑޫގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ އެ މުބާރާތުގެ އެއް ބޭނުމަކީ ތޮއްޑުއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފުކޮށް، ލޯ ސީޒަނުގައި ވެސް ގެސްޓް ހައުސްތައް ފުރާލެވޭނެ މަގުކޮށުން ކަމަށެވެ. އަދި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށާއި އެ ރަށު ކައުންސިލުން ވެސް ބޭނުންވަނީ، ހަމައެކަނި ބީޗް ނުވަތަ މޫދަށް އެރެން ނޫން ގޮތަކަށް ވެސް އެ ރަށަށް ފަތުރުވެރިން ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ އެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސުކޫލުގެ ފަރާތުން ކަލްޗަރަލް އެކްސްޗޭންޗް ޑޭ ފާހަގަ ކުރާ ދުވަސްވަރެއްގައި ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ވެސް ފަތުރުވެރިންނާ ގުޅޭ ކަމެއް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި މުބާރާތް ހުޅުވުމަށް ވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ރާވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މި އޮޕޮޗިއުނިޓީ އަޅުގަނޑުމެން ބޭނުން ކުރާނަން ހަމަ ތޮއްޑޫގެ ލޯކަލް ޓޫރިޒަމް އާއި ތޮއްޑޫއާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ވީހާވެސް ގިނަ ފަރާތްތަކަށް މި މުބާރާތް މެދުވެރިކޮށް ފޯރުކޮށްދެވޭތޯ،" ކަރަމް ވިދާޅުވިއެވެ.
އިހާ އެކެޑަމީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މުބާރާތުގެ ބައިވެރީން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، ބެލަރޫސް، ޗައިނާ، ޖަރުމަނު، އިންޑިއާ، ކަޒަކިސްތާން، ނޭޕާލް، ނިއު ޒީލޭންޑް، ޕާކިސްތާން، ރަޝިއާ، ސިންގަޕޫރު، ސްޕެއިން، ސްރީލަންކާ، ސްވިޒަލޭންޑް، ތައިލޭންޑް، ތުރުކީ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެއެވެ.