ބޭސް ލިބެން ދިމާވާ ދަތިތައް ހައްލުކުރަން ކުރާ މަސައްކަތުގެ ރަނގަޅު ނަތީޖާ އެބަ ފެނޭ: މިނިސްޓަރު

މިނިސްޓަރު ނާޒިމް ---- ފޮޓޯ/ ރައީސް އޮފީސް

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، ރަނގަޅު ނަތީޖާއެއް ފެންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެެއްޖެއެވެ.

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެސްޓީއޯގެ ފިހަރާތަކުން ބޭސް ލިބުމުގައި ދަތިތައް ދިމާވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތަކެއް ދިމާވެގެން އެކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން، މިފަހުން ވެސް ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ކުރިމަތިވެގެން އެކަމުގެ ޝަކުވާތައް ލިބުނު ކަމަށާއި އެކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ބޭހުގެ ސަޕްލައި މަދުވާތީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސޯސަންމަގުގައި ހިންގާ ފާމަސީތަކެއް-- ފޮޓޯ: އަމަން ލަތީފް

މިކަން ހައްލުކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނީ. އަދި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް އެބަ ފެންނަމުންދޭ

މިނިސްޓަރު ނާޒިމް ވަނީ، ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތަފުސީލުތައް ކިޔައިދެއްވާފައެވެ. އެގޮތުން:

  • އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކުރުމަށް ޓަކައި ނިޒާމު ހަރުދަނާކުރުން
  • ބޭހުގެ ކަންކަން ބެލެއްހެޓުމަށް ގަވަނަންސް ހަރުދަނާ ކުރުމަށް މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކުރުމާއި ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލާވައިގެން ބެލެހެއްޓުން
  • ބޭސް ޕްރެސްކްރައިބް ކުރުމަށް އާސަންދަ ޕޯޓަލަށް އިސްލާހުތައް ގެނެސް ތަންފީޒު ކުރަން ފެށުން
  • އިތުރު ޓްރީޓްމަންޓް ގައިޑްލައިންތައް ހަދައި، އެކަމަށް ހެލްތު ޕްރޮފެޝަނަލްސް ތާޒާކޮށްގެން ކުރިއަށް ގެންދިޔުން
  • އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުން
  • އެސްޓީއޯގެ ފާމާސީތައް ހިންގާ މުވައްޒަފުން އިތުރަށް ޒިންމާދާރުކޮށް، ތަމްރީނު ކުރަން ފެށުން

މިނިސްޓަރު ވިދާޅުވީ، އެކަން ކަން ކުރަން ފެށުމާއެއްކޮށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

މިކަންކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި، އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާ ކަަމަށް

އެ ކުރިއެރުންތަކާއެކު، މި މައްސަލައަށް މުސަތްގުބަލުގައި ދާއީމީ ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަން މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، ބޭހާ ގުޅޭ ކަންކަމަކީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ބަދަލު ގެނެވޭނެ ނިޒާމެއް ނޫން ކަމަށާއި މިހާރު ކުރެވޭ މަސައްކަތްތަކުން ބޭސް ލިބުމުގައި ދަތިވާ މައްސަލައަށް ރަނގަޅު ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޕެބްރުއަރީ މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ބޭސް ލިބުމުގައި ދިމާވާ ތަކުލީފުތަކާއި މާލީ ދަތިތައް ހައްލުކުރަން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައަޅުއްވާފައެވެ.

https://sun.mv/202733

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންވެ، ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެ ޚަރަދުކުޑަކުރަން މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހުކުރަން ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން، އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ. ބޭސް ލިބުމުގައި ދަތިތައް ދިމާވީ އޭގެ ފަހުންނެވެ.

comment ކޮމެންޓް