ވޮޝިންޓަން (10 އެޕްރީލް 2025): ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ޓެރިފްގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެދި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އޭނާއަަށް އާދޭސް ކުރަމުން ގެންދާކަމަށް ވިދާޅުވެ ވަރަށް ދަށު ދަރަޖައިގެ ހުތުރުބަހުރުވައަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވހަކަ ދައްކަވައިފިއެވެ.
ބައިނަލްއަގްވާމީ ޑިޕްލޮމަސީގައި ލީޑަރަކު ދުވަހަކު ވެސް ބޭނުންނުކުރައްވާހާ ބަދު އަޚުލާގީ ހުތުރު އަދި ބޭއަދަބީ ބަސްތައް ބޭނުން ކުރައްވައި ދުނިޔޭގެ ލީޑަރުންގެ އަގު ވައްޓާލައި، އެ ބޭފުޅުންނަކީ އޭނާގެ ކުރިމަތީގައި ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެގޮތުން ޓްރަމްޕް ވަނީ "ވޯލްޑް ލީޑާސް އާ ކިސިން މައި އޭސް ޓު މޭކް ޓްރޭޑް ޑީލް އޭޒް ޓެރިފް އަންސްލައުޓް ބެގިންސް" އޭ ވިދާޅުވެ ކޮންގްރެސްގައި ރޭ ބޭއްވި ޑިނާ ޕާޓީއެއްގައި ވަރަށް ހުތުރު ބަހުރުވައިން ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ ދެކޮޅަށް އެކި ގައުމުތަކަށް އެކި ވަރުގައި ޓެރިފްގެ ފިޔަވަޅުތައް އަޅުއްވައި އެކަން އިއުލާން ކުރައްވާފައެވެ. މިއިން އެމެރިކާގެ ބައިވެރިން ވެސް އިސްތިސްނާ އެއް ނުވެއެވެ. ނަމަވެސް އެންމެ ބޮޑު ޓެރިފެއް ނަގަން ނިންމީ ޗައިނާއިން އެތެރެކުރާ މުދަލުންނެވެ. އެއީ 104 ޕަސަންޓުގެ ޓެރިފެކެވެ.
ރައްދުގައި ޗައިނާއިން ވަނީ އެ ގައުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީގެ ޢަދަދު 34 އިންސައްތައިން 84 އިންސައްތައަށް ބޮޑު ކޮށްފައެވެ. އަދި ޗައިނާއިން ވަނީ އެމެރިކާގެ 18 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. މިއާއެކު ޓްރަމްޕް ވަނީ ޗައިނާއާ ދެކޮޅަށް އެޅި ޓެރިފްގެ މިންވަރު 125 އިންސައްތައަށް ބޮޑުކޮށްފައެވެ. ރައްދުގައި ޗައިނާ ވެސް ވަނީ އެމެރިކާއާ ދެކޮޅަށް ޓެރިފް ބޮޑުކޮށް އެމެރިކާގެ އިތުރު ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ހާމަކޮށްފައެވެ.
ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކޮށް އެމެރިކާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމާއި އެކަން ދިރާސާ ކުރަމުން ގެންދާކަން ހާމަކޮށްފައެވެ.
ނަމަވެސް އިންޑިއާ ފަދަ ދުނިޔޭގެ ގިނަ ގައުމުތަކުންވަނީ އެމެރިކާ އާ ދެކޮޅަށް ބަދަލު ހިފުމުގެ ފިޔަވަޅުތައް އަދި މި ވަގުތު ނޭޅުމަށް ނިންމައިފައެވެ.
ޓްރަމްޕް ވަނީ އެމެރިކާ ގައުމުތަކާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އެޅި ނަމަވެސް އެ ގައުމުތަކުން އެމެރިކާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މި އިންޒާރަށް ބޯ ނުލެނބީ ޗައިނާއާއި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކެވެ.
ޓްރަމްޕްވަނީ އެމެރިކާއާ ދެކޮޅަށް ރައްދުގައި ފިޔަވަޅު ނޭޅި ގައުމުތަކުން ޓެރިފް ނެގުމުގެ ކަންތައް 90 ދުވަހަށް މަޑު ޖައްސާލާފައެވެ. މި ލުއި ދިނުމުގައި ޗައިނާ ނުހިމެނެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވެސް ވަނީ ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވައި ޗައިނާ މީހުންނަކީ ޓެކްނޮލޮޖީ އާއި ސިނާއަތު ނުދަންނަ އާދައިގެ ދަނޑުވެރިންކަމަށް ސިފަކުރައްވައިފައެވެ.
އަދި ޗައިނާ އުޅެނީ ފެންވަރު އޮޅިގެންކަމަށް ވިދާޅުވެ ޓްރަމްޕް ގޮތަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައެވެ.