ކަންގަނާއަކީ މުއްދަތު ހަމަވާއިރު ވެސް ކަރަންޓު ބިލް ނުދައްކާ ކަމުގެ ރެކޯޑު އޮތް މީހެއް

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ޕާލަމެންޓް މެމްބަރެއްގެ މަޤާމު އަދާކުރަމުން އަންނަ ބޮލީވުޑް ބަތަލާ ކަންގަނާ އަކީ މުއްދަތު ހަމާވާއިރު ވެސް ގޭގެ ކަރަންޓު ބިލް ނުދައްކާ އެތައް ދުވަހެއް ވަންދެން ހުންނަ މީހެއްގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ހިމާޗަލް ޕްރަދޭޝްގެ ސްޓޭޓް އިލެކްޓްރިސިޓީ ބޯޑު ލިމިޓެޑްގެ ފަރާތުން ބުނެފިއެވެ.

ހިމާޗަލް ޕްރަދޭޝްގެ އިލެކްޓްރިސިޓީ ބޯޑު ލިމިޓެޑުގެ ފަރާތުން މިގޮތަށް ބުނެފައި ވަނީ މަނާލީގައި ހުންނަ ކަންގަނާގެ ގޭގެ ކަރަންޓު ބިލަށް އެއް ލައްކަ ރުޕީސް އަރާފައިވާ ކަމަށާއި އެކަމަކު އެއީ ދިރިނުޅޭ ގެއެއް ކަމަށް ބުނެ ހިމާޗަލް ޕްރަދޭޝްގެ ސަރުކާރަށް ކަންގަނާ ވަރަށް ބޮޑަށް ފާޑުކިޔުމާ ގުޅިގެންނެވެ.

ބޮލީވުޑް ބަތަލާ ކަންގަނާ ސިޔާސީ އެއްވުމެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ހިމާޗަލް ޕްރަދޭޝްގައި އޮތް ސިޔާސީ އެއްވުމެއްގައި ކަންގަނާ ވަނީ އެ ސްޓޭޓްގެ ވެރިންގެ ބަދަލުކޮށްލުމަށް އެދި އެއްވެ ތިބި މީހުންގެ އެއްބާރުލުން އެކަމުގައި ދިނުމަށް އެދިފައެވެ.

ކަންގަނާއަށް ރައްދު ދެމުން ހިމާޗަލް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝުކްވިންދަރު ސިންގް ސުކު ވިދާޅުވެފައި ވަނީ ކަންގަނާ އާއްމުންނާ މުޚާތަބުކޮށް ނެރޭ އެފަދަ ސްޓޭޓްމަންޓްތަކަކީ އެއްވެސް އިރެއްގައި ސިރީއަސްކޮށް ނަގާ ކަންކަން ނޫން ކަމަށެވެ.

ހިމާޗަލް ޕްރަދޭޝްގެ ސްޓޭޓް އިލެކްޓްރިސިޓީ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރު ސަންދީޕް ކުމާރު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް މަނާލީގައި ހުންނަ ކަންގަނާގެ ގޭގެ ކަރަންޓު ބިލް ދައްކާފައި ނުވާ ކަމަށެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުރި ބިލްތަކުގެ ފައިސާ ކަންގަނާ ދައްކާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށް ވެސް އިލެކްޓްރިސިޓީ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރު ވަނީ ބުނެފައެވެ.

ކަންގަނާ އަކީ ސަރުކާރުން ކަރަންޓު ބިލްތަކަށްދޭ ސަބްސިޑީ ބަރާބަރަށް ލިބެމުން އަންނަ ފަރާތެއް ކަމަށާއި ހަގީގަތާ ޚިލާފު ވާހަކަތައް އާއްމުންގެތެރޭ ދެއްކުމަކީ ކަންގަނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް