ޔުއޭފާ ކޮންފަރެންސް ލީގުގެ ކްއާޓާ ފައިނަލްގައި އިނގިރޭސި ވިލާތުގެ ޗެލްސީ އާއި ޕޮލޭންޑްގެ, ލެޖިއާ ވޯސޯ ބައްދަލުކުރި ފުރަތަމަ ލެގު ޗެލްސީއިން ކާމިޔާބު ކޮށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.
ލެޖިއާގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުންނެވެ.
ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗެލްސީއިން ވަނީ މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރުމުގެ އިތުރުން ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. ނަމަވެސް މިއާއެކުވެސް ލެޖިއާއިން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ހިތްވަރު މޮޅު ކުޅުމެއް ދައްކާ ޗެލްސީއަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލައިފައެވެ.
މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިޔާ ހަތަރު ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޓައިރީގް ޖޯޖުއެވެ. މިއީ ޗެލްސީގެ ސީނިއާ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިހާތަނަށް އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅެފައިނުވި ނަމަވެސް ޖޯޖު ވަނީ މި މުބާރާތުގައި މިހާތަނަށް 10 މެޗެއްގައި ފެނިގެން ގޮސްފައެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ އަޑް މިނެޓް ފަހު ބަދަލު ކުޅުންތެރިޔާ ނޯނީ މަޑުއެކީ ވަނީ ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ކްރިސްޓޮފާ އެންކުންކޫ ޖެހި ޕެނަލްޓީ ވަނީ ލެޖިއާގެ ކީޕަރު ކެސްޕާ ޓޮބިއާޒް ދިފާއު ކޮށްފައެވެ. ނަމަވެސް އޭގެ މިނެޓެއްފަހުން ޗެލްސީއިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީވެސް މަޑުއެކީއެވެ.
މި ކާމިޔާބީއާއެކު މި މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ޗެލްސީ މިހާރު މި ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައެވެ.
މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައެވެ. މި ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރާނީ ޔޯގާޑެން އާއި ރެޕިޑް ވިއެނާ ބައްދަލުކުރާ ކްއާޓާ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. އެ ދެ ޓީމުގެ މެދުގައި ކުޅުނު ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރެޕިޑް ވިއެނާއެވެ.
މި މެޗުގައި ރެޕިޑް ވިއެނާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ ޔޯގާޑެންގެ ހެމްޕަސް ފިންޑެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.