އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި އިލްމާއި، މައުރިފާގެ ލޭ ދައުރުކުރާން ފެށުމުން، އިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިޔަތު"، މި މައުޟޫއުގެ މައްޗަށެވެ.
ނިމިދިޔަ ދިރާސީ އަހަރުގެ ޗުއްޓީއަށް ފަހު، ތައުލީމީ އައު އަހަރެއް ފަށާފައިވާއިރު މި އަހަރަކީ ތައުލީމާއި، ތަރުބިޔަތާއި، ހޭލުންތެރިކަމުގެ ރޮނގުން ކުރިއަރައިދާނޭ ބަރަކާތްތެރި، އަހަރެއްކަމުގައި ލެއްވުމަށް ހުކުރު ޚުތުބާގައި ވަނީ ދުއާކޮށްފައެވެ.
އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅަކުންނެވެ. ޚުތުބާގައި ބުނީ މާތްﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ ތައުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވި ކަމަށް ޚުތުބާގައި ބުންޏެވެ.
ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް އަރަބި ބަހަށް ތަރުޖަމާކުރުމާއި، އިލްމާއި ފަންނުގައި އައު އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ޝާއިއުކުރި ވަރުގަދަ ހަޟާރަތެއް އިސްލާމީ އުންމަތުން ބިނާކުރި ކަމަށް ޚުތުބާގައި ބުންޏެވެ. އެ އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވިގެން ދިޔަ ކަމަށާއި، އިސްލާމީ ތައުލީމު އާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަމަސަލަސްކަން ގާއިމުވި ކަމަށް ޚުތުބާގައި ބުންޏެވެ.

ހުކުރު ދުވަހު މިސްކިތަށް ނަމާދަށް އަރާ ފައިބަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ޚުތުބާގައި ކިޔަވާ ކުދިންނަށް ވަނީ އެތައް ނަސޭހަތެއް ދީފައެވެ.
"މި ފެށުނު ދިރާސީ އަހަރު، ތިޔަ ކުދީންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، އިލްމީ ހަރަކާތްތަކުން، ތިޔަކުދީންގެ ހުސް ވަގުތު ފަޅުފިލުވައިލާށެވެ!،" އެފަދައިން ޚުތުބާގައި ކިޔަވާ ކުދީންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތައުލީމީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ގޮވައިލިއެވެ. މައިންބަފައިންނަށް އިހުތިރާމުކޮށް، މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު އަދާކުރަން ގޮވައިލިއެވެ. އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް ކަމަށާއި، އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށް ބުންޏެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"މައިންބަފައިންނާއި ދައުލަތުން، ތިޔަކުދީންގެ ތައުލީމާއި ތަރުބިޔަތަށް ޓަކައި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފާށެވެ! ތިޔަކުދީން އުނގެނޭ އިލްމުގެ ނޫރުން، ﷲގެ ރުހިވޮޑިގަތުން ހޯދާށެވެ! މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައިދޭށެވެ! އިސްލާމް ދީނާއި ވަޠަނަށް ޓަކައި ގުރުބާންވާން ކެރޭ ބަޔަކަށް ވުމަށް ޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރާށެވެ! އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ!،" ޚުތުބާގައި ބުންޏެވެ.
އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ޚުތުބާގައި ބުންޏެވެ. އެފަދަ ތަރުބިޔަތެއް ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ހުކުރު ދުވަހު ޚުތުބާ އަޑުއަހަން ބަޔަކު މިސްކިތް ދޮށުގައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
"ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާށެވެ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެކެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމެވެ،" ޚުތުބާގައި ބުންޏެވެ.
"ވީމާ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދާށެވެ! އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދާށެވެ!،" ޚުތުބާގައި ބުންޏެވެ.
އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެކަމުގައި ގާއިމުވެ ތިބި ބަޔަކަށް މާތްﷲ ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއް ކަމަށާއި އެ ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދޭ ކަަމަށް ޚުތުބާގައި ބުންޏެވެ.
އަދި މަދަރުސާއަކީ، ދަރީންގެ ދެވަނަ ހިޔާވަހި ކަމަށާއި އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ އަގީދާ ހަރުދަނާކޮށް، އިސްލާމީ އުސޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަމަށް ޚުތުބާގައި ބުންޏެވެ. މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފިނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށާއި، ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން އާންމުވާނެ ކަމަށް ބުންޏެވެ. އަދި އެ ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދަރުސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެން ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަސައްވުރުތައް އެކައްޗަކަށް ހަދައިގެން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ގޮވައިލީ ދަރީންނަށް ތައުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އެރުމަށެވެ.