އިންސާނުންނަށް ޖެހެނީ ދެ ވައްތަރެއްގެ ބައްޔެކެވެ.

އިސްލާމްދީނުގެ ރަސޫލާ محمد صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެންނެވި ހިދާޔަތުގައި އިންސާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ޝާމިލުވެގެން ވެއެވެ. އެއްވެސް ކަމެއް ބަޔާންނުކޮށް ދޫކުރައްވައިފައި ނުވެއެވެ. އެގޭތެރޭގައި ބަލިތަކަށްވާ ޝިފާއާއި، ބަލިބަލީގެ ބޭސް ވެސް ބަޔާންވެގެން ވެއެވެ. އަދި އެ ބަލިތަކުގެ ސަބަބުތަކާއި، ބަލިން ރައްކާތެރިވުމުގެ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅު ދުރައިލައި އެޅުމަށް ވެސް ތަންބީހު ކުރައްވައިފައިވެއެވެ. ބަލި ވެއްޖެ ނަމަ، ޢަމަލު ކުރަންވީ ގޮތުގެ އިރުޝާދު ބަޔާންކުރެވިފައި ވާ ފުރިހަމަކަން ބުނެދެނީ ކޮންމެ ބައްޔަކަށް ވެސް ޝިފާ ދެއްވާ الشافعيގެ ޙިކްމަތްތެރިކަމެވެ.

އިންސީންނަށް ޖެހޭ ބަލީގައި އޮންނަނީ މައިގަނޑު ދެ ވައްތަރެކެވެ. އެއީ ހިތުގެ ބަލިމަޑުކަމާއި، ޖިސްމުގެ ބަލިމަޑުކަމެވެ. މި ދެ ވައްތަރުގެ ބަލީގެ ޚަބަރު ވެސް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައި ވެއެވެ. ކީރިތި ޤުރުއާނުގައި ބަލީގެ މި ދެ ވައްތަރު ބަޔާންވެފައި އޮތުމީ އިލާޙީ ޙިކުމަތްފުޅާއި، މުޢްޖިޒާތުގެ މަތިވެރިކަން ހާމަވާ ފުރިހަމަ ހެއްކެކެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެން ސައިންސްގެ ހޯދުންތަކަށް ވެސް މި ދެ ވައްތަރުގެ ބަލި އިންސާނާއަށް ދިމާވާކަން ހޯދިފައި ނެތުމުން މިދެންނެވި އިލާހީ ޙިކުމަތްފުޅު ވަރަށް ރަނގަޅަށް ސާބިތު ވެއެވެ.

ހިތުގެ ބަލިމަޑުކަމަކީ، ޝައްކާއި ވަހުމުގެ މައްޗަށް އިންސާނީ ބުއްދި ފުރޮޅިފުރޮޅި އޮންނަ ހާލަތެކެވެ. ދީނީ ކަންކަމާއި، ދުނިޔަވީ ކަންކަމުގައި ވެސް ސީދާ ރާސްތާއެއް ޚިޔާރުނުކުރެވި، މީހާއަށް ތަކުލީފު ބޮޑުވާބޮޑުވުމެކެވެ. ނޫންނަމަ ޝައިޠާނީ ވަސްވާސްތަކާހެދި ކުރަން އުޅޭ ކަންކަމައިގެން ކުރިޔަށް ދިޔުމަށް އުނދަގޫވެ، މަގުބަންދުވާ ގޮތް ދިމާވާ ބަލިމަޑުކަމެކެވެ. މިއިން ކޮންމެ ގޮތަކަށް ވެސް އިންސާނާ ހިތުގެ ބަލީގެ ޝިކާރަޔަކަށް ވެދާނެއެވެ. މި ކަމުގެ ސަބަބާއި ޙައްލު ވެސް އިންސާނާގެ "ޞާނިޢު"، ﷲ ތަޢާލާ ބާވައިލެއްވި އިލާހީ ޝަރީޢަތުގައި ފެންނަން އޮންނާނެވެ.

އިންސާނާއަށް ކުރިމަތިވާ އަނެއް ބަލިމަޑުކަމަކީ އޭނާގެ ޖިސްމަށް ޖެހޭ ބަލިބައްޔެވެ. މިފަދަ ބަލި ބައްޔަކީ ޝަހުވަތާއި އެދުންވެރިކަމުގެ ބައްޔެވެ. އެއިން އެއްވެސް ކަމަކީ ދާއިމީ ފައިދާއެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނާއަށް ލިބޭ ބަލިބައްޔެއް ނޫނެވެ. ދައިމީ ކަންކަމޭ މި ދަންނަވަނީ ދުނިޔޭގެ ނިސްބަތަކުން ނޫނެވެ. އެއީ އާޚިރަތުގެ ތަރާދުން ކިރައިލިކިރައިލުމެކެވެ. ދުނިޔޭގެ ބިމަށް ތިމާގެ ޖިސްމު ދޫކޮށް ދާއިރު އެ ޖިސްމަށް ލިބުނު ކޮންމެ ބަލިމަޑުކަމެއް އެ ތަނަށް ދޫކޮށް، ނަފުސުގެ ވެރި އިލާހުގެ ހަޟްރަތަށް ދާނީ ތިމާގެ ފުރާނަ އެކަންޏެވެ. އެހެންކަމުން ދުނިޔޭގައި ޖިސްމަށް ޖެހޭ ބަލިތަކަކީ އެ ތަނުގައި އޭގެ ތަކުލީފާ ހަނގުރާމަކޮށް ނިމޭ ބަލިބައްޔެވެ. އެ ބަލީގައި ހޭދަވާ މުއްދަތަކީ މާ ދިގު ދުވަސްތަކެއް ނޫންކަން ތިމާއަށް ޔަޤީންވާނީ މި ދުނިޔޭގެ ޙަޔާތާ ވަކިވެ ދާއިމީ މަންޒިލަށް ނޭވާލާ ދުވަހުއެވެ. ޖިސްމަށް ޖެހޭ ބަލިބަލީގެ ސަބަބުތަކާއި، އޭގެ ފަރުވާ ވެސް ބަޔާންވެގެންވަނީ މަތިވެރި މާތް މުޤައްދަސް ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާނުގައެވެ.

މި ދެ ވައްތަރުގެ ބަލީގެ ވެސް އެންމެ މުހިއްމު ކަމަކީ ދުރާލައި އެފަދަ ބަލިބަލިން ސަލާމާތް ވާނެ ފިޔަވަޅުތައް އެޅުމެވެ. ބަލިބަލީގެ ސަބަބުތައް ނައްތައިލުމެވެ. ބަލީގެ އަސަރު ފެންނަ ތަންތަނާއި، މީސްމީހުންނާއި، ކައިރިނުވެ އުޅުމެވެ. ތިބާއާ ގުޅުން ހުރި ބައެއްގެ ކިބައިން، ނުވަތަ ތިބާ އުޅޭ ސަރަޙައްދަކުން އެފަދަ ބައްޔެއްގެ އަލާމާތެއް ފާޅުވެއްޖެ ނަމަ، ބުއްދިވެރިންގެ ގޮތަކީ ވީ އެންމެ އަވަހަކަށް އެ ބަޔަކާ ނުވަތަ ތަނަކާ، ދުރުވެ، ތިބާގެ ސަލާމަތް ތިބާ ހޯދުމެވެ. އަދި ސަލާމަތުގެ އައްސޭރީގައި ހުރެގެން އެހެން މީހުންނަށް ވެސް ސަލާމަތުގެ މަގަށް މަގުދެއްކުމެވެ. ގައިންގަޔަށް އަރާ ޖިސްމާނީ ބަލިބަލީގެ މީހުންނާއި ގާތްވެ އުޅުމުން ތިމާގެ ޖިސްމު ވެސް އެ ބަލީގެ ޝިކާރައަކަށް ވެދާފަދައިން، ނިފާޤުކަމުގެ ބަލި ހުރި މީހުންނާ ގާތްވެ އުޅެންޏާ ތިބާގެ އީމާންތެރިކަމަށް ވެސް ލޮޅުން އަރާނެއެވެ. އެފަދަ މީހުންނާއި ދުރުވެއްޖެ މީހާ އޭނާގެ ދީން ޙިމާޔަތްކޮށްފިއެވެ. އެނބުރި ދިޔުން ވަނީ ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތަށެވެ.

comment ކޮމެންޓް