ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ "ސޭފް ހޯމް" އަޅަން 31 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި

ހުޅުމާލޭ ދެވަނަ ފިޔަވަހި: ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ "ސޭފް ހޯމް" އަޅަން 31 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި -- ފޮޓޯ/ އެޗްޑީސީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ހުޅުމާލެ ލޮޓް ނަންބަރު (A2-1) 11707 އަމިއްލަ ބިން ސަރުކާރުން ގަނެފައި ވަނީ 31،500،000 (އެއްތިރީސް މިލިއަން ފަސް ލައްކަ) ރުފިޔާއަށެވެ.

މި ބިން ގަނެފައި ވަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި، ފިނޭންސް މިނިސްޓްރީ އަދި ފެމިލީ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ ބިމަކީ 10،000 އަކަފޫޓުގެ ބިމެކެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި 31 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެޗްޑީސީއަށް ދައްކާ ޚަލާސްކޮށްފައެވެ. އަދި އެ ވިޔަފާރީގެ ޝަރުއީ އަދި ގާނޫނީ ރުކުންތައް ފުރިހަމަވެފައިވާކަން ޝަރީއަތުގެ ހަމަތަކުން އެނގޭ ކަމަށް ވެސް ކޯޓު ހުކުމުގައިވެއެވެ.

އެހެންކަމުން އެ ބިމުގެ މިލްކުވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސޭފް ހޯމް ފެސިލިޓީއަކީ ގެނެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ދިނުމަށް ތަރައްގީކުރާ ތަނެކެވެ.

މިއީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ އެހީގައި އަޅާ ތަނެކެވެ.

comment ކޮމެންޓް