އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި އޮތް މަތީފަންތީގެ ޕެނަލް ޑިސްކަޝަނެއްގައި ޚަލީލް ބައިވެރިވެވަޑައިގެންފި

ހަތަރުވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި އޮތް ހައިލެވެލްގެ ޕެނަލް ޑިސްކަޝަނެއްގައި ޚަލީލް ބައިވެރިވެވަޑައިގަތުން ---- ފޮޓޯ/ފޮރިން މިނިސްޓްރީ

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ކުރެއްވި ދަތުރުފުޅުގައި މި ފޯރަމްގެ ތެރެއިން ބޭއްވި މަތީފަންތީގެ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަނާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބޭއްވި މަތީ ފަންތީގެ ޕެނަލް ޑިސްކަޝަންގައި ޚަލީލް ވަނީ، މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން، ޚަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް ޓަކައި މަޝްވަރާއާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމިއްޔާ ޖަމާޢަތްތަކުން އަދާ ކުރަމުންދާ މުހިންމު ދައުރު ޚަލީލްވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވަޒީރު ވަނީ، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ މި ސަރަޙައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

މި ޕެނަލް ޑިސްކަޝަންގައި ވަޒީރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓާ ފޯ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރު ޖަގަނަތު ޕަންޑާ ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް