ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، އަބުދުލް މާނިއުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މާނިއުގެ އާއިލާއާ ހަވާލާދީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެެއްޖެއެވެ.
ފިލިޕީންސްގައި ހިނގި ހާދިސާގައި ޒަޚަމްވެފައިވަނީ ހދ. ހަނިމާދުއަށް ނިސްބަތްވާ އަބްދުލް މާނިއުއަށެވެ. އޭނާ ތައުލީމު ހާސިލުކުރަމުން އަންނަނީ އެ ގައުމުގެ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގައެވެ.
ބޯޓުގެ ބުރަފަތީގައި ޖެހި ހިނގި ހާދިސާއާ ގުޅިގެން މިނިސްޓަރު ޚަލީލް ކުރެއްވި ޓްވީޓެއްގައިވަނީ، މާނިއުގެ ބައްޕަ، އާމިރުއާ ފޯނުން ގުޅައި، ދަރިވަރުގެ ހާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދެކެވުނު ކަމަށެވެ.
އެގޮތުން، މާނިއުގެ މަންމައާއި ބޭބެ ވެސް މިހާރު ތިބީ ފިލިޕީންސްގައި ކަމަށާއި، މާތްﷲގެ ވާގިފުޅާއެކު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީއާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައިގެން މާނިއުގެ ހާލު ބަލަމުން ގެންދާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ ކަމާ މާނިއުގެ އާއިލާއިން އުފާ ކުރާ ކަމަށާއި، ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މި ފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމާ ޝުކުރުވެރިވާކަން ހާމަކޮށްފައިވާ ކަމަށް މިނިސްޓަރުގެ ޓްވީޓުގައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ސަރުކާރުން ގެންދަނީ މާނިއުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ހިއްސާކުރި ދަރިވަރަކު ބުނީ، އުދުހުން ފަރިތަކުރުމަށްފަހު ބޯޓު ޖެއްސި ވަގުތު ހޮޑުލަވައި، ބޯ އަނބުރާތީ މާނިއު ބޯޓުން ފޭބި ކަމަށެވެ. ނަމަވެސް އެ ވަގުތު އިންޖީން އެއްކޮށް ނުނިވޭ ކަމަށާއި، ފޭބި ވަގުތު ބުރަފަތީގައި ޖެހި އޭނާ ޒަޚަމްވީ ކަމަށެވެ.
މި ހާދިސާގައި މާނިއުގެ އަތާއި މޫނާއި ފަޔަށް ވެސް ވަނީ އަނިޔާވެފައެވެ. ލިބުނު އަނިޔާތަކުގެ ތަފުސީލު ލިބިފައި ނުވި ނަމަވެސް، އަނިޔާތަކާ ގުޅިގެން ސާޖަރީއެއް ހަދާފައި ވާކަމަށް މީގެ ކުރިން "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.