ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ގޮވާލައި، އެރަށު ރައްޔިތުން މިއަދު އިހުތިޖާޖުކޮށްފިއެވެ.
ހަވީރު 04:30 ގައި ހޮޅޫދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، ކަޅު ހެދުމުގައި އެ ރަށު ފޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، އިހުތިޖާޖު ކޮށްފައެވެ.
އިހުތިޖާޖު ނިމެންދެން ޓޭޕު ދަމައިގެން، ފުލުހުން ވަނީ އެ ސަރަހައްދު ބަލަހައްޓާފައެވެ.
އިހުތިޖާޖުގެ ބައިވެރިއަކު ބުނީ، އެ މަރުގެ ފަހަތުގައި ސިއްރުތަކެއް ވާ ކަމަށާއި އެ ކަންތައް ފަސް އަޅާ ފޮރުވުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.
"ހޮޅުދޫ ރައްޔިތުންނަށް އެނގޭ ހަމަ ކަނޑައެޅިގެން މަރާލާފާ ކަތިލާފައިކަން އޮތީ. 99 ޕަސެންޓު މީހުން ގަބޫލުކުރޭ. ޔަގީން ކުރޭ އެބަ މަރާލާފައި ކަތިލާފައިކަން އޮތީ. އަމިއްލައަށް މަރުވި މީހެއް ކަމަށް ނިންމިޔަސް ގަބޫލެއް ނުކުރާނެ ހޮޅުދޫ ރައްޔިތުންނެއް," އެ ބައިވެރިޔާ ބުންޏެވެ.
މި އިހުތިޖާޖުގައި ޕޯސްޓަރުތަކާ ބެނާތައް ބޭނުންކޮށްގެން ވެސް ހޮޅުދޫ ރައްޔިތުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން، އިހުތިޖާޖުގެ ބައިވެރިންވަނީ، ހެކި ނައްތާލި މީހުންނާއި ގާތިލުން ހައްޔަރުކުރުމަށާއި ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އޭނާއަށް ވީ ގޮތް އިތުރަށް ދެނެގަންނަން، ހަށިގަނޑު އަލުން ނަގައިގެން އޮޓޮޕްސީއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރަން އެދިފައިވާނެކަމަށް ޒަކިއްޔާގެ އާއިލާއިން ވަނީ ބުނެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހެވެ.
މި ނިމުނު ރޯދަމަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފުލުހުންގެ އިސްވެރިންގެ ޓީމެއް ހޮޅުދޫއަށް ގޮސްފައިވެއެވެ. އެ ކަމަށް އިޝާރާތްކޮށް އާއިލާއިން ބުނީ އެ ދަތުރުގައި ފުލުހުން އާއިލާއާ ބައްދަލުކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރާއެކު، ދެން ޝައްކު އުފެދޭ އެންމެހާ މަރުތަކުގައި އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އެކަމަކު އެއީ ކުރިން ވެސް އޮތް އުސޫލެއް ކަމަށާއި، މިދިޔަ އަހަރު ނެރުނު ނެޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސަސް އިން މޯލްޑިވްސް" ގައި އެ ކަން ލިޔެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނީ، އެ އުސޫލު ކުރިން ވެސް އޮއްވައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދީ ގަސްތުގައި، ހެކި ނައްތައިލައި ކަންކަން ފޮރުވަން ކަމަށެވެ.
މި މައްސަަލައިގައި އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކުރިއެވެ. ނަމަވެސް ތަހުގީގުތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދައިފައެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މީގެ ކުރިން އިހުސާން ވިދާޅުވީ، ގިނަ އަދަދެއްގެ އޮޓޯޕްސީތައް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.