ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް 59 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް އަހަރަކީ އެއާޕޯޓުގެ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވާނެ އަހަރެއް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްއިން އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މިއަދު ފެށީ ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

ވީއައިއޭގެ އަހަރީ ދުވަސް ފާހަގަކުރުން: އަހަރިީ ދުވަހާ ގުޅިގެން އެކުވެރިކަމުގެ ހިނގާލުމެއް ވަނީ ބާއްވައިފައި -- ފޮޓޯ/އެމްއޭސީއެލް
އެ ރަސްމިއްޔާތުގައި ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، އަދި ވަކިން ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ވީއައިއޭގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީތައް ކަމަށާއި އެ ތަންތަން ހިންގައި، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ކަމަށާއި އެކަމަށް ޝުކުރެވެރިވާ ކަމަށެވެ.

ވީއައިއޭގެ އަހަރީ ދުވަސް ފާހަގަކުރުން: ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ --- ފޮޓޯ/އެމްއޭސީއެލް
ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ހަޔާތުގައި ކުރިއަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވާނެ އަހަރެއްކަމަށާއި ސްްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ފެޅިކަމަށާއި އެކުވެރިކަމުގެ ހިނގާލުމެއްވެސް ބޭއްވި ކަމަށެވެ.
މީގެ އިތުރުން، އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ޚާއްސަ ގާލާ ނައިޓަކާއި، ހޭންޑްބޯލް މުބާރާތެއް ވެސް ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.