ލާމު ލިންކްރޯޑުގައި ސައިކަލެއް އެކްސިޑެންޓުވެ، 30 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ލާމު ލިންކް ރޯޑުގެ ސަރަހައްދެއް: ލާމު ލިންކްރޯޑުގައި ސައިކަލެއް އެކްސިޑެންޓުވެ، 30 އަހަރު ގެ މީހަކު ވަނީ މަރުވެފައި -- ފޮޓޯ/ ތޮއްޓޭ ފޮޓޯގްރަފީ

ލާމު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލިންކްރޯޑުން، ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެކްސިޑެންޓެއް ވެފައިވާ ކަމަށް ރޭ ދަންވަރު 1:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ ލ. މާބައިދޫ، ސޫރަޖް ވިލާ، 30 އަހަރުގެ އިބްރާހީމް ނައުޒަމް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަރުވީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:45 ހާއިރެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ، ޒުވާނާއަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މޭކަށިގަނޑު ވެސް ބިންދައިގެން ދިޔުން ހިމެނޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް