ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ

ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް މި އަހަރު ފަށަނީ: ސައިބާ ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް ޢަބްދުލްހާދީ --- ފޮޓޯ/ ޕީއެސްއެމް ނިއުސް

ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް މިއަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން އަމާޒު ހިފާފައި ވާކަމަށް ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ސީއީއޯ ޑރ. ނައުފަލް އަބްދުލްހާދީ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ނައުފަލް ވިދާޅުވީ، މި އޮޕަރޭޝަން ސެންޓަރުގެ އިތުރުން އެ އެޖެންސީގެ ވެބްސައިޓެއް އުފެއްދުމަކީ ވެސް މިއަހަރު އެ އެޖެންސީން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަމަށެވެ. މި ވެބްސައިޓު ތަރައްގީ ކުރާނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ، އަމިއްލަ ނަފުސު ހޭލުންތެރި ކުރުވުމަށް އެސެސްމަންޓު ވެސް ހެދޭނެ ފަދަ ގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައިބާ ސެކިއުރިޓީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެނާ ވިދާޅުވީ، ގައުމީ ފެންވަރުގައި އެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ވެސް އެ އެޖެންސީން މުސްތަގުބަލަށް ރާވާފައިވާ ޕްލޭނެއް ކަމަށެވެ.

"މިދެންނެވިހެން މުއައްސަސާއެއް އުފެއްދުމަކީ ބުރަ މަސައްކަތެއް. މީހުން ވެސް އުފައްދަން ޖެހޭ. ކުއްލިއަކަށް ސައިބާ ސެކިއުރިޓީ އެކްސްޕާޓުން ވެސް ނުއެއް އުފެއްދޭނެ،" އޭނާ ވިދާޅުވިއެވެ.

މި ސެންޓަރު ވުޖޫދަށް ގެންނާނީ މައިކްރޯސޮފްޓް ނުވަތަ ގޫގުލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ގުޅިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ސަބަބުން އަސްލު ވިޒިބިލިޓީ އެބަ ލިބޭ. މިއީ ޕަބްލިކް ސެކްޓާއެއް، ޚާއްސަކޮށް ޕަބްލިކް ސެކްޓާގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް ފީޑް ސިގްނަލްތައް ލިބުނީމައި ދެން އަޅުގަނޑުމެންނަށް އެނގޭނެ އެބޭފުޅުންނަށް އަންނަ އެޓޭކްތައް،" ނައުފަލް ވިދާޅުވިއެވެ.

މިފަދައިން ކަންކަން ބައްޓަން ކުރުމުން ސައިބާ ސެކިއުރިޓީ ދާއިރާގެ 80 ޕަސަންޓު މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން މިއަހަރު ބައެއް މުއައްސަސާތަކަށް ގޮސް އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅޭ ތަމްރީނު ދިނުމަށް ރާވާފައި ވާކަމަށެވެ.

ސައިބާ ސެކިއުރިޓީއާ ގުޅޭގޮތުން އަމިއްލައަށް ވެސް ހޭލުންތެރިކަން އިތުރުކުރުމަށް ނައުފަލް ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީއަކީ މިދިޔަ އަހަރުގެ މާޗް މަހުގެ 19ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެޖެންސީއެކެވެ. މި އެޖެންސީ އަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެޖެންސީއެކެވެ.

މިއީ ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް އުފެއްދި އެޖެންސީއެކެވެ.

އަދި ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމަކީ ވެސް އެ އެޖެންސީގެ ބޭނުމެކެވެ.

comment ކޮމެންޓް