ހައްޖު ވިސާއާ ނުލައި މައްކާއަށް ވަނުން މިމަހުގެ ފަހުކޮޅުން ފެށިގެން މަނާކުރަނީ

ހައްޖުގެ އަޅުކަމުގެ ތެރެއިން --

ހައްޖު ވިސާއާ ނުލައި ސައުދީ އަރަބިއްޔާއިން މައްކާއަށް ވަނުން މިމަހުގެ 29ވަނަ ދުވަހުން ފެށިގެން މަނާކުރަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ހައްޖާ ގުޅޭ އެންމެ ފަހުގެ ގަވާއިދުތައް މިއަހަރުގެ ހައްޖު މޫސުމުގެ ކުރިން އިންޓީރިއާ މިނިސްޓްރީން ވަނީ މިއަދު އިއުލާންކޮށްފައެވެ.

މިކަމާ ގުޅިގެން ސައުދީ ގެޒެޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ، މިމަހުގެ 29ވަނަ ދުވަހުން ފެށިގެން ހައްޖު ވިސާ ނޫން އެހެން ވިސާއެއް އޮތް މީހަކަށް ސައުދީ އަރަބިއްޔާއިން މައްކާއަށް ވަނުން މަނާކުރާއިރު، ސައްހަ ހުއްދައެއް ނެތި ބިދޭސީންނަށް ވެސް އޭޕްރީލް 23އިން ފެށިގެން މައްކާއަށް ވަނުން މަނާކުރާނެ ކަމަށެވެ.

މައްކާއަށް ވަނުމުގެ ހުއްދަ ދޭނެ މީހުން ވެސް ސައުދީން ވަނީ އާންމު ކޮށްފައެވެ. އެ މީހުންގެ ތެރޭގައި:

  • މައްކާގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެގައުމުގެ ރައްޔިތުން
  • ސައްހަ ހައްޖު ހުއްދައެއް އޮންނަ މީހުން
  • މާތް ތަންތަނުގެ ތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ މީހުން

މި ހުއްދަތަކަށް އެދި އޮންލައިން ކޮށް އަބްޝެރް އިންޑިވިޖުއަލްސް ޕްލެޓްފޯމް ނުވަތަ މުޤީމް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މިއީ މިއަހަރުގެ ހައްޖު މޫސުމުގެ ކަންކަން ބަލަހައްޓައި، ހުރިހާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ސައުދީ ގެޒެޓުގައި ވެއެވެ.

މި ލިޔުމުގައި ވާގޮތުން، ޝައްވާލް މަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް އުމްރާވެރިން ސައުދީއަށް ދާނެ އެންމެ ފަހު ތާރީޚަކީ މާދަމާއެވެ. އަދި މި އުމްރާވެރިން އުމްރާ ނިންމުމަށްފަހު ސައުދީން ފުރާނެ ދުވަހަކީ މި މަހުގެ 29ވަނަ ދުވަހެވެ. އެއަށްފަހު ވަގުތީ ގޮތުން މައްކާ ބަންދުކުރަނީ ހައްޖުގެ އަޅުކަމަށް ތައްޔާރުކުރުމުގެ ގޮތުންނެވެ.

މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ގާނޫނީ އަދަބު ލިބޭނެ ކަމުގެ އިންޒާރުދީ، ހުރިހާ ފަރުދުންނާއި ހައްޖުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި ތަންތަނުން މި ގަވައިދުތަކަށް އަމަލު ކުރުމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ގޮވައިލާފައެވެ.

comment ކޮމެންޓް