މައިންކްރާފްޓް ފިލްމު ބޮކްސް އޮފީސް ފަތަހަކޮށްފި

މަޝްހޫރު ގޭމް ކަމަށްވާ "މައިންކްރާފްޓް"އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު "އަ މައިންކްރާފްޓް މޫވީ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަން ފަށައިފިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އެމެރިކާގައި ރިލީޒްކުރި އެ ފިލްމަކީ 2011 ވަނަ އަހަރުގެ ވީޑިއޯގޭމް "މައިންކްރާފްޓް"ގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.

އެކްޝަން އަދި ތުރިލާ ޖޯންރާއަށް ތައްޔާރުކޮށްފައިވާ މި ފިލްމު ވަނީ ތިން ދުވަސްތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ކުރިއަށް އޮތް ދުވަހެއްގެ ތެރޭގައި ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރު ފަހަނަ އަޅާ ދާނެ ކަމަށް ވެސް ބެލެވެއެވެ.

މި ފިލްމަކީ ކުޑަކުދީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމަށް ބިނާކޮށް އުފެއްދި ފިލްމަކަށްވުމުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދީއެވެ.

އެނަލިސްޓުން ބުނާގޮތުގައި މި ފިލްމަކީ މިއަހަރު ހޮލީވުޑުން އުފައްދާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ފިލްމު ކަމަށް ވެސް ބެލެވެއެވެ.

ޖޭސަން މޮމޮއާ، ޖެކް ބްލެކް، ޑެނިއެލް ބްރޫކްސް، ޖެނިފާ ކޫލިޖް އަދި އެމާ މަޔާސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ކްރިޓީކުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ފިލްމެކެވެ. އެއްބައި މީހުން ބުނާގޮތުގައި މިއީ ކޮމެޑީއެއްގެ ގޮތުގައި ބަލާލަން ރަނގަޅު ފިލްމެކެވެ. އަނެއް ބަޔަކު ބުނަނީ މިއީ އެއްވެސް ކަހަލަ ރަހައެއް ހުރި ފިލްމެއް ނޫނެވެ. މި ފިލްމުގެ ރޭޓިން އެހާ ރަނގަޅެއް ނޫނެވެ. އެގޮތުން، އައިއެމްޑީބީގައި ފިލްމަށް ލިބިފައިވަނީ 10 އިން 5.1 އެވެ.

މި ފިލްމު މިހާރު ރާއްޖޭގައި ވެސް އެޅުވުމަށްޓަކައި އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް