މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާކަމަށް އާއިލާއިން ބުނެފިއެވެ.
އެ އެކްސިޑެންޓުގައި, އުމުރުން މިހާރު 19 އަހަރުގެ މުހައްމަދު ޝައިމަން ޝިހާމަށް އަނިޔާވެ، ހާލު ސީރިއަސްވުމުގެ ސަބަބުން ފަރުވާދެމުން ދަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ.
އޭނާ އިންޑިއާއަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗުގައި ވެސް ދުވަސްކޮޅަކު އޮތުމަށްފަހުއެވެ.
"ސަން"އާ ވާހަކަދައްކަމުން ޝައިމަންގެ ބައްޕަ، އިބްރާހީމް ޝިހާމް މިއަދު ބުނީ އެކްސިޑެންޓު ހިނގިތާ މި މަހުގެ 27އަށް ހަތަރު މަސްވާއިރު އަދިވެސް ދަރިފުޅު ހޭނާރާ ކަމަށެވެ. ފިޒިއޮތެރަޕީ ދޭތީ، ދަރިފުޅުގެ އަތާއި ތަންތަން ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޝިހާމް ބުންޏެވެ. އަދި އެފަދަ އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ މީހުން އެއްކޮށް ރަނގަޅުވުމަށް އަހަރު ނޫނީ ދެއަހަރު ވާނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ޝިހާމް ކިޔައިދިނެވެ.
ޝިހާމް ބުނި ގޮތުގައި އާސަންދަ ފިޔަވައި ދައުލަތުގެ ފަރާތުން އެއްވެސް އިތުރު އެހީތެރިކަމެއް ނުލިބެއެވެ. އެ ހާދިސާއަށް ފަހު ފުލުހުންގެ ފަރާތުން ވެސް އަޅާލުމެއް އެކަމާ ގުޅިގެން ނުލިބޭ ކަމަށް ޝިހާމް ބުންޏެވެ.
ވަކިން ޚާއްސަކޮށް އޭނާއަކީ ވެސް 33 އަހަރު ވަންދެން ޔުނިފޯމް އެޅި ވަޒީފާއެއް އަދާކުރާ މީހެއް ކަމަށާއި ނަމަވެސް އެ ހާލަތުގައި މިހާރު އޭނާ ދަރިފުޅުގެ ގާތުގައި އެހުރީ ނޯ ޕޭ ލީވް ނަގައިގެން ކަމަށް ޝިހާމް ބުންޏެވެ.
ޝިހާމް ބުނި ގޮތުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް އަދިވެސް ތަހުގީގުކުރާއިރު، މައްސަލަ ނުނިމޭތީ ކުށްވެރިވީ ކާކުކަމެއްކަން ވެސް ސާފެއް ނޫނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ސައިކަލު ދުއްވީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ޚިލާފުވެގެން މިދިޔަ ޑިސެމްބަރު މަހުގެ 21ގައި ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމަކު، އާއިލާއިން ވަނީ ފުލުހުން ކުރި ތުހުމަތުތައް ދޮގުކޮށްފައެވެ.