ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން: ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި މައްސަލަވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި -- ފޮޓޯ/ އިމިގްރޭޝަންސް

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފައެވެ.

ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި، ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި އަމުރު އޭނާވަނީ މިދިޔަ ބުރާސްފަތީގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

https://sun.mv/204603

ޝަމްއާންގެ މައްޗަށް ކުރި ފުރަތަމަ ބަންދު އަމުރު އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ 27ގައި ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަމުރު ނެރުއްވުމުގައި އިޚުތިޔާރު ބޭނުންކުރެއްވި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭ ފަދަ ހާލަތެއް ބަޔާންކޮށްފައި ނެތް ކަމަށް ބުނެއެވެ.

ނަމަވެސް ރަޖިސްޓްރާގެ ނިންމެވުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމް ނިންމެވީ ރަޖިސްޓްރާގެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ރަޖިސްޓްރާގެ ނިންމުން ބާތިލުކުރައްވައި، މައްސަލަ ބަލަން ވަނީ ނިންމަވައިފައެވެ.

ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  • އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  • ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  • އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ

ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން ޝަމްއާން މަގާމުން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަންކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް