އަނަސްގެ މަރު: ވަކީލުން އައްޔަންކުރަން 7 މީހުންނަށް 2 ދުވަސް

ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގެ ތެރެއިން: އެ ހަތް މީހުންނަށް ވަނީ ވަކީލަކު ހަމަޖައްސަން ދެ ދުވަސް ދީފައި --

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ރައްދުވާ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން، ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފުގެ މައްސަލައިގައި އެ ހަތް މީހުންނަށް ވަކީލުން ހަމަޖައްސަން މިއަދު ދެ ދުވަސް ދީފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017ގެ ރެއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަންބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހާއި އުސްމާން ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އެ ތިން މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން، ސާޒާއި ޖުނައިހާއި މަހްފޫޒާއި ސިމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ބުނެ ދައުވާކުރިއެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން، މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެއާއެކު އެ މީހުން މިނިވަންކުރީއެވެ.

ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކަށްވީ، ސީސީޓީވީ ފުޓެޖް ޓައިމް ސްޓޭމްޕާ ގުޅޭ ގޮތުން ފުށުންއެރުންތަކެއް ހުރުން ކަމަށް ކޯޓުން ފާހަގަކުރިއެވެ. އެގޮތުން އެކި ސަރަހައްދުން ނެގި ފުޓެޖުގައި މެދުކެނޑުން ހުރުމުން އެއީ އެއް ދުވަހެއްގައި އެއް ވަގުތެއްގައި ހިނގި ކަންކަން ކަމަށް ސާފުނުވާ ކަމަށާއި އެއް ފުޓެޖުން ފެންނަ މީހާއަކީ އަނެއް ފުޓެޖުން ފެންނަ މީހާކަން ސާބިތުނުކުރެވޭ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހެވެ. އަދި އެ ހަތް މީހުން ހައިކޯޓުގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވެސް ދައުލަތުން އެދުނެވެ.

އެހެންނަމަވެސް, ހައިކޯޓުން މިދިޔަ މަހުގެ 10ގައި ނިންމީ އެ މީހުން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

https://sun.mv/203567

އެއީ, ދައުވާ ލިބޭ މީހުން އިސްތިއުނާފީ މަރުހަލާގައި ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ކޯޓުން ބުންޏެވެ. ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ތުހުމަތެއް ކުރެވޭ ވަރުގެ ހެކިތަކެއް، އަދި ދައުވާ ލިބޭ މީހުން ކަށަވަރުކުރަން ވެސް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވުން ހިމެނެއެވެ.

ހައިކޯޓުން ބުނެފައިވަނީ މި މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ކޯލް ރިކޯޑިންއާއި އިންޓެލިޖެންސް އަދި ތަހުގީގު ރިޕޯޓަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. އެއީ, ފުލުހުން އަމިއްލައަށް ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ކޯޓުން ނިންމީ ދައުވާ ލިބޭ މީހުން ބަންދުނުކުރުމަށެވެ. އެއާއެކު، އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

އެ އަޑުއެހުމުގައި ތުހުމަތުވާ މީހުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. އެގޮތުން, ފުރަތަމަ ޖަވާބުދާރީވި އުސްމާން ބުނީ އޭނާ ބޭނުންވަނީ ވަކީލަކާއެކު ކުރިއަށްދާން ކަމަށެވެ.

އޭނާއަށް ޖަވާބުދެއްވަމުން ފަނޑީޔާރު އަލީ ރަޝީދު ވިދާޅުވީ، ވަކީލަކު އައްޔަންކުރަން އެ ހަތް މީހުންނަށް މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށާއި އެކަން ގުޅައިފައި ވެސް އެ މީހުންނަށް ހަނދާން ކޮށްދިން ކަމަށެވެ.

ރައްދުގައި އުސްމާން ބުނީ ވަކީލަކު ހަމަޖައްސަން ވާހަކަދައްކަމުން ދިޔަ ނަމަވެސް މިހާތަނަށް ވަކީލަކު ހަމަނުޖެހޭ ކަމަށެވެ.

"މި މައްސަލައަކީ 14 ދުވަހުގެ ތެރޭގައި ކޯޓުން ނިންމަން ޖެހޭ މައްސަލައެއް، އެހެން އާންމު މައްސަލަތަކުގައި ދެވޭ ގޮތަށް ފުރުސަތު މީގައި ނުދެވޭ،" ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވިއެވެ.

އެއަށް ފަހު، ބާކީ ހަ މީހުންނަށް ޖަވާބުދާރީވާން ވަކިވަކިން ފުރުސަތު ދިނުމުން އެ މީހުން ވެސް ބުނީ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ.

އެ ހަ މީހުންނަށް ވެސް ޖަވާބުދެއްވަމުން ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ، މައްސަލަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭއިރު މިހާރު ވެސް ވަރަށް ގިނަ ވަގުތު ފާއިތުވެފައިވާ ކަމަށެވެ. އެހެންވެ، މިހާރު ވަގުތު ދެވެން އޮތީ އާދިއްތަ ދުވަހުގެ 9:00 ޖަހަންދެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖޫން ވެސް ވިދާޅުވީ އެފަދައިންނެވެ.

"ވަކީލަކު އައްޔަންކުރަން ކުރިން ވެސް ފުރުސަތު އެރުވިފައިވަނީ. އަޅުގަނޑަށް އެނގޭ މިހާރުން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް އެއީ ވަރަށް ކުރު މުއްދަތެއްކަން، އެކަމަކު އަޅުގަނޑުމެންނަކަށް އެ ޓައިމް ދެވޭކަށް ނެތް، އެއީ ރިއާލިޓީއަކީ،" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ހަތް މީހުންނަށް ޖަވާބުދާރީވާނެ ފުރުސަތު ދޭނެ ކަމަށާއި އެއަށް ފަހު އިތުރު ފުރުސަތު ނުދެވޭނެކަން ޝުޖޫން ފާހަގަކުރެއްވިއެވެ.

އެ ހަތް މީހުންގެ ތެރެއިން އެކަކު ވަނީ، އޭނާއަށް ގުޅާފައި، ވަކީލެއްގެ ވާހަކަ ނުބުނާ ކަމަށް ބުނެފައެވެ. ނަމަވެސް، ޝުޖޫންވަނީ ކޯޓުން ބަލާ މައްސަލަތަކުގައި އާންމުކޮށް ފޮނުވާ ލިޔެކިޔުމުގައި ވަކީލުން އައްޔަންކުރުމާ ގުޅޭ މައުލޫމާތު އަބަދު ވެސް ހިމަނާ ކަމަށް ވިދާޅުވެފައެވެ.

އެ އަޑުއެހުން ނިންމައިލައްވަމުން ފަނޑިޔާރު އަލީ ރަޝީދު ވަނީ އާދިއްތަ ދުވަހުގެ 9:00 ޖަހާއިރު އަޑުއެހުން ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވިދާޅުވެފައިވެއެވެ. އަދި، އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައިހުރި ޒަޚަމުތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމުތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް