ވެރިރަށް މާލެއާ ޖެހިގެން އޮންނަ ތިލަފުށްޓަކީ، ޤައުމުގެ އިގްތިޞާދީ މުސްތަޤުބަލަށް ދިރުމެއް ގެނެސްދޭނެ ވަރަށް މުހިންމު ސަރަޙައްދެކެވެ. މި ރަށަކީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ރޮނގުން ވެސް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ރަށެކެވެ.
ތިލަފުށީގެ އެންމެ ޚާއްސަ ކަމަކީ އެރަށް އެކުލެވިގެންވާ ސަރަހައްދެވެ. ރާއްޖޭގެ ވެރިރަށް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އާ ވެސް ކައިރީ އޮތުމުން މުސްތަގުބަލުގައި ބައިނަލްއަގްވާމީ ވިޔަފާރީގެ މައި މަރުކަޒަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. ތިލަފުއްޓަކީ ކުރިމަގުގެ އިންޓަނޭޝަނަލް ޕޯޓެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއުގެ ސަބަބުން ތިލަފުށީގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް އަންނާނެއެވެ.
ތިލަފުށީގައި ޤާއިމުކޮށްފައިވާ ތަރައްޤީގެ ވަސީލަތްތަކަކީ ވެސް މި ރަށުގެ މުހިންމުކަން އިތުރުކޮށްދޭ ކަމެކެވެ. ސިނާއީ މަރުކަޒެއްގެ ގޮތުގައި ބިނާކުރުމަށް ރޭވިފައިވާ މި ރަށުގައި، މަގުތަކާއި އަސާސީ ޚިދުމަތްތަކުގެ ވިއުގަތައް ވަނީ ވަރަށް ރަނގަޅަށް ޑިޒައިންކޮށްފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބޭނެއެވެ.
ތިލަފުށްޓަކީ އެކި ބާވަތުގެ އިންވެސްޓްމަންޓްތަކަށް ވެސް މަގުފަހިކޮށްދީފައިވާ ރަށެކެވެ. ޚާއްސަކޮށް ގުދަންކުރުމާއި، އުފެއްދުންތެރިކަމަށް ރަށުގައި ގިނަގުނަ ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައެވެ. މިރަށުން ސިނާއީ ބޭނުމަށް ދޫކުރެވޭ ބިންތައް އަމިއްލަކުރުމުގެ ފުރުސަތު އޮތުމަކީ އިންވެސްޓަރުންނަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ތިލަފުށީގެ ކުރިއެރުމާއެކު ރާއްޖޭގެ އިގްތިޞާދަށް ގިނަ މަންފާތަކެއް ލިބޭނެއެވެ. އޭގެތެރޭގައި، އާ ވަޒީފާތައް އުފެދުމާއި ވިޔަފާރީގެ ހަރަކާތްތައް ފުޅާވެ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވާނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ތިލަފުށި ތަރައްޤީވުމުން، ރާއްޖޭގެ އިގްތިޞާދީ ދުވެލި އިތުރަށް ހަލުވިވާނެއެވެ.
ތިލަފުށްޓަކީ ރާއްޖޭގެ އިގްތިޞާދީ މުސްތަޤުބަލަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ރަށެކެވެ. މި ރަށް އެކުލެވިފައިވާ ސަރަހައްދުގެ ސަބަބުންނާއު، ފުރިހަމަ ވަސީލަތްތަކާއި، އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ ސަބަބުން، މިއީ ރާއްޖޭގެ އިގްތިޞާދީ ކުރިމަގުގެ އައު އުންމީދު ކަމުގައި ބެލެވިދާނެއެވެ.
އެހެންކަމުން، ތިލަފުއްޓަށް އިންވެސްޓު ކުރުމުގެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.