އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް އިޕްސްވިޗް ޓައުން އަތުން މޮޅުނުވެވި، މެޗު އެއްވަރުވިއިރު ޓޮޓްނަމް ހޮޓްސްޕާ ވެސް ވުލްވަހެމްޓަން ވޮންޑަރާސް އަތުން ބަލިވެއްޖެއެވެ.
ޗެލްސީއާއި އިޕްސްވިޗް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޕްސްވިޗުން މޮޅު ކުޅުމެއް ދައްކާ ޗެލްސީ ހައިރާން ކޮށްލާފައެވެ. އިޕްސްވިޗުން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި މެޗުގެ ލީޑު ވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއޯ އެންކީސޯއެވެ. އަދި، 31 ވަނަ މިނެޓްގައި ބެން ޖޯންސަން ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާ އެކު އިޕްސްވިޗުން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ.
ދެވަނަ ހާފަށް ޗެލްސީން ނުކުތީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާ އެކުއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއް މިނެޓްގެ ތެރޭގައި ޗެލްސީންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އެ ލަނޑަކީ އިޕްސްވިޗްގެ އެކްސެލް ޓައުންޒޭބޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރި ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ.
ޗެލްސީން މެޗު ކާމިޔާބުކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިޕްސްވިޗްގެ ކީޕަރު އެލެކްސް ޕާމާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ސަލާމަތްކޮށްފައެވެ.
މެޗު އެއްވަރުވުމުން ޗެލްސީ މިހާރުވަނީ 54 ޕޮއިންޓާ އެކު ހަވަނައަށް ފަހަތަށް ސޮއްސާލައިފައެވެ. އިޕްސްވިޗް އޮތީ 21 ޕޮއިންޓާ އެކު 18 ވަނައިގައެވެ.
މުބާރާތުގައި ސްޕާސްއާއި ވުލްވްސް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 4-2 އިން ކާމިޔާބުކޮށްފައިވަނީ ވުލްވްސްއިންނެވެ.
ވުލްވްސްއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ރަޔަން އެއިޓް ނޫރީ، ޔޯގެން ސްޓްރާންޑް ލާސެން އަދި މެތިއުސް ކޫންޔާ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑަކީ ސްޕާސްގެ ޖެދް ސްޕެންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ސްޕާސްއިން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެތިއުސް ޓެލާއި ރިޗާލިސަންއެވެ.
މި ކާމިޔާބީއާ އެކު ވުލްވްސް މިހާރު ވަނީ 35 ޕޮއިންޓާ އެކު 16 ވަނައަށް ކުރިއަށް ޖެހިލައި، ރެލިގޭޝަނާ ދުރަށް ޖެހިލާފައެވެ. އަދި، ސްޕާސް އޮތީ 37 ޕޮއިންޓާ އެކު 15 ވަނައިގައެވެ.