އާޝާ ބުރުގާ އަޅައި، ފިލްމް އިންޑަސްޓްރީއާ ދުރަށް؟

މި ފަހުން ދިވެހި ފިލްމު އިންޑަސްޓްރީގައި ތަފާތު ރޯލުތަކުން ފެނިފައިވާ ޒުވާން އެކްޓަރު އައިމިނަތު ރަޝްފާ (އާޝާ) ބުރުގާ އަޅައިފިއެވެ.

އުމުރުން 26 އަހަރުގެ އާޝާ ވަނީ އޭނާ ބުރުގާ އަޅައިގެން ހުރި ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން އާންމުކޮށްފައެވެ. އެ ފޮޓޯއަކީ އޭނާ އުމްރާއަށް ގޮސް ނަގާފައިވާ ފޮޓޯއެކެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އުމްރާއަށް ގޮސްފައިވަނީ އާއިލާއާ އެކުގައެވެ. އަދި، އާޝާ ބުރުގާ އަޅާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އާޝާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މި ފޮޓޯއާއި އިތުރު ވީޑިއޯއެއް ފިޔަވާ އޭނާގެ އިންސްޓަގްރާމް ވަނީ މިހާރު އެއްކޮށް ފޮހެލާފައެވެ. ދެން އޭނާގެ ފީޑުން ފެންނަނީ ފަލަސްތީނުގެ ވާހަކަ ކިޔައިދޭ ވީޑިއޯއެކެވެ. އާޝާ ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކައި އެ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވި އެކި ކަހަލަ ފަންޑްރެއިޒިން އިވެންޓުތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ.

އާޝާގެ ދިރިއުޅުމަށް ގެނެސްފައިވާ ބަދަލާ އެކު އޭނާގެ ފިލްމު އިންޑަސްޓްރީގެ މުސްތަގުބަލާ ގުޅޭގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.

މި ކަމާ ގުޅޭގޮތުން އޭނާ އަދި ޖަވާބެއް ދީފައިނުވި ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މި ވަގުތު އާޝާ ވަނީ ހުރިހާ ކަންތައްތަކަކުން ބްރޭކެއް ނަގާފައެވެ. އެކްޓިންއާއި ފޮޓޯ އަދި ސޯޝަލް މީޑިއާގެ އެކި ކަހަލަ ހަރަކާތްތަކުން އާޝާ ދުރަށް ޖެހިލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ފިލްމުތަކާއި ޝޯތަކުން ވެސް ފެނިފައިވާ އާޝާ އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދީ ޓިކްޓޮކުންނެވެ. ޓިކްޓޮކްގެ މަގުބޫލުކަމާ އެކު އޭނާގެ ފުރަތަމަ އެކްޓިން ރޯލު ލިބުނީ ޑާކްރެއިންއިންނެވެ. ޑާކްރެއިންއިން 2019 ވަނަ އަހަރު ނެރުނު "ގޮށްރާޅު" ފިލްމުން އޭނާ ވަނީ ސަޕޯޓިން ރޯލަކުން ފެނިފައެވެ. އޭނާގެ އެންމެ ފުރަތަމަ ޝޯ ފެނިފައިވަނީ 2021 ވަނަ އަހަރެވެ. އެއީ "ގިރިޓީ ލޯބި" އެވެ.

އެއަށް ފަހު އެކި ރޯލުތައް ކުޅެފައިވާއިރު އާޝާ އެންމެ ފަހުން ލީޑް ރޯލަކުން ފެނިފައިވަނީ މިދިޔަ އަހަރު ނެރުނު "މީ އިޝްގު" އިންނެވެ. މިދިޔަ އަހަރު އޭނާ ވަނީ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ، "މީ އިޝްގު"ގެ އިތުރުން "ކަމަނާ"އާއި "ސާޔާ"އެވެ. އޭނާ ވަނީ ވެބް ޝޯއަކުން ވެސް މިދިޔަ އަހަރު ލީޑް ރޯލުން ފެނިފައެވެ. އެއީ 15 އެޕިސޯޑުގެ "އެރެއަށްފަހު" އިންނެވެ.

comment ކޮމެންޓް