ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ޚިދުމަތްތައް ތަރައްގީކުރުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އެސްއެފްޑީ)އިން ރާއްޖެއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި، އިއްޔެ ރާއްޖެ ވަޑައިގެންނެވި، ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި އެއްބަސްވުމުގެ ދަށުން 63,750,000.00 ސައުދީ ރިޔާލު، ނުވަތަ 17 މިލިއަން ޑޮލަރު ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ އެއާޕޯޓު ނިންމުމަކީ ހަމައެކަނި މަސައްކަތެއް ނިންމުން ނޫންކަމަށާއި، އެއީ ގައުމީ ތަރައްގީއަށް ކުރުން އެންމެ މުހިންމު މަސައްކަތް ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެއާޕޯޓު މަޝްރޫއު ލަސްވި ނަމަވެސް މަޝްރޫއު ނިންމަން ސަރުކާރު އޮތީ އަމާޒު ހިފައިފައިކަމަށް ޒަމީރު ވިދާޅުވިއެވެ.
އެއާއެކު، ޒަމީރު ވިދާޅުވީ މުސްތަގްބަލުގައި ވެސް ރާއްޖެއާއި، ސައުދީ ފަންޑާ ދެމެދު ގުޅުން ބަދަހިކޮށް ދެމި އޮންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވިދާޅުވީ، ފަންޑާއި ރާއްޖެއާ ދެމެދު ތަރައްގީގެ ބަދަހި ގުޅުމެއް މީގެ 47 އަހަރުކުރިން ފެށުނު ކަމަށެވެ.
އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެންމެ ފުރަތަަމަ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށް ދިން ލޯނާއެކު އެއާޕޯޓު ތަރައްގީކުރުމަށް ހަތް ފަހަރެއްގެ މަތިން 240 މިލިއަނެއްހައި ޑޮލަރުގެ އެހީ ފަންޑުން ރާއްޖެއަށް ދީފައިވާކަމަށް ވިދާޅުވިއެވެ.
އަދި މިއަދު އިތުރަށްދޭ ލޯނާއެކު އެއާޕޯޓު ކެޕޭސިޓީ ހަތް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ވަރަށް ތަރައްގީކުރުމާއި، ކާގޯ ޚިދުމަތް ތަރައްގީކުރުމާއި، ނިންމަން ޖެހޭ ފަހުގެ މުހިންމު މަސައްކަތްތައް ނިންމަން އިތުރު އެހީއަކަށް ވާނެކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ޖުމްލަ 488 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑުން ރާއްޖެއަށް ތަރައްގީގެ މަޝްރޫއުތަކަށް ދޫކޮށްފައިވާކަމަށާއި އޭގެ ތެރޭ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމާއި، ސިއްހީ ޚިދުމަތްތަައް ގާއިމްކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.