ސަރުކާރުގެ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނުގައި ވެސް މިހާރު ހަވާލުކުރާ ހުރިހާ މަޝްރޫއެއް ހިންގޭވަރުގެ ހަކަތައެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް މިހާރު ހަވާލުކުރަނީ މި ތިން ކުންފުންޏާއެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެކަމަކު، އެ ކުންފުނިތަކާ އެކަނި މަޝްރޫއުތައް ހަވާލުކުރުމުން އެކަން ކުރެވޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި މި ކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ކޮންމެ ސަރުކާރަކުން ވެސް އެ ފަދަ މަޝްރޫއުތައް ހަވާލުކުރާނީ ޓެންޑާކޮށްގެންނެވެ. އެއީ، މަޝްރޫއަށް ރަނގަޅު އަގެއް ލިބުމުގެ އިތުރުން، ކޮންޓްރެކްޓަރު ޖަވާބުދާރީ ކުރުވަން ހުރި ފަސޭހައަށް ޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް ހަވާލުކުރުމުން މަސައްކަތް ކުރިއަށް ނުދާނެ ކަމަށެވެ.
ޔާމީން ސިފަކުރައްވާ ގޮތުގައި ސަރުކާރުން މިކަން ކުރީ ރައްޔިތުންނަށް އޮޅުވައިލާށެވެ. އެ ކުންފުނިތަކުގައި މަޝްރޫއުތައް ހިންގޭވަރުގެ ކެޕޭސިޓީ ނެތް ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވިއެވެ.
"މީގައި މި ވަނީ ކީއްތޯ؟ އެއްކޮޅުން ރައްޔިތުންނަށް އެބަ ފެންނަންޖެހޭ ރައްޔިތުން ބޭނުންވާ މަސައްކަތްތަކެއް ހިނގާކަން. އެހެންވީމާ 18 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒު މި އަޅާ ނިމެނީ. އެކަމު ހަވާލުކޮށްފައި މި އޮތީ ފޫނެތް ނާށިގަނޑެއް ހިފައިގެން އުޅޭ ބަޔަކާ... މި ހަވާލުކުރަނީ ކޮން ބަޔަކާތޯ؟ ހަވާލުކުރަނީ މި ކަން ނުކުރެވޭވަރުގެ ބަޔަކާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަނީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
މި މަޝްރޫއު ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން އާރުޑީސީއާއި ފެނަކައަކީ ކޮރަޕްޝަންގެ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދެ ކުންފުންޏެވެ.
އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނި ގޮތުގައި މި ސަރުކާރުން އެ ކުންފުންޏާ ހަވާލުވީއިރު ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އެ ކުންފުނިން މަޝްރޫއުތައް ހިންގަނީ މެޝިނަރީ ކުއްޔަށް ނަގައިގެންނެވެ. އެ ކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ހުރިކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ފާހަގަކުރައްވާފައިވެއެވެ.
ފެނަކައަކީ އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ސަރުކާރުގެ ކުންފުންޏެވެ.
އާ ސަރުކާރުން ފެނަކައާ ހަވާލުވީއިރު، އެ ކުންފުނީގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް ފެނަކައިން ބުނެއެވެ. އަދި އޭގެ އިތުރަށް އެ ކުންފުނީގައި ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ވެސް ތިއްބެވެ.
ދެން އޮތް އެމްޓީސީސީއަށް ވެސް ލިބުނު ފައިދާ ވަނީ ދަށްވެފައެވެ. އެހެން އެކަންވީ ހަވާލުކުރާ މަޝްރޫއުތަކަށް ފައިސާ ނުލިބޭތީއެވެ. އެ ކުންފުނިން ވަނީ މަޝްރޫއުތައް ހަވާލުކުރާއިރު ބަޖެޓު ނުލިބޭކަން ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް ހީނަރުކަން އަންނަންވަނީ ފަށައިފައެވެ.
އެމްޓީސީސީއާ މިހާރު ވެސް 356 މަޝްރޫއު ހަވާލުކޮށްފައި އެބައޮތެވެ.