ސައުދީ ޑިވެލޮޕްމަންޓު ފަންޑު (އެސްއެފްޑީ)ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހުޅުމާލޭގައި ގާއިމްކުރާ 400 ހައުސިން ޔުނިޓު މަޝްރޫއު މިއަދު އިފުތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި، އިއްޔެ ރާއްޖެ ވަޑައިގެންނެވި، ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިން ޔުނިޓު އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
ނަމަވެސް މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދުގެ ދަތުރުފުޅުގައި މިއަދު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ޚިދުމަތްތައް ތަރައްގީކުރުމަށް ވެސް އެސްއެފްޑީން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓު މަޝްރޫއު އިފުތިތާހުކުރުން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން 63,750,000.00 ސައުދީ ރިޔާލު، ނުވަތަ 17 މިލިއަން ޑޮލަރު ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވަނީ އެސްއެފްޑީން އެންމެ ފުރަތަަމަ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށް ދިން ލޯނާއެކު އެއާޕޯޓު ތަރައްގީކުރުމަށް ހަތް ފަހަރެއްގެ މަތިން 240 މިލިއަނެއްހައި ޑޮލަރުގެ އެހީ ފަންޑުން ރާއްޖެއަށް ދީފައިވާކަން ފާހަގަކުރައްވައިފައެވެ.