ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝައުގު ފާޅުކުރޭ، ނުފެށި ލަސްވަނީ ބަދަލުތަކެއް ގެންނާތީ: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން: ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށަން ދިން ތާރީޚަށް ވުރެ އެ ޚިދުމަތް ނުފެށި ލަސްވަނީ, އެ މަސައްކަތް ކުރަން ބޭނުންވާ ގޮތަށް ބަދަލުތަކެއް ގެންނާތީ ކަމަށާއި އެ ޚިދުމަތް ދޭން ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލިއެވެ.

އޭގެފަހުން މިދިޔަ ނޮވެންބަރު 27ގައި މިނިސްޓަރު ވަނީ، ރާއްޖޭގައި މާޗު މަހު ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޚިދުމަތް ފަށަން ދިން ތާރީޚުގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ޚިދުމަތް ފެށިފައެއްނުވެއެވެ.

https://sun.mv/204713

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ޚިދުމަތް ނުފެށި ލަސްވާ ސަބަބާ ގުޅުވައި ސުވާލުކޮށްފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި އަމީން ވިދާޅުވީ، ކަނޑައަޅާފައި އޮތް ތާރީޚަށް ޚިދުމަތް ފެށުމަށް ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، ޚިދުމަތް ދޭން ޕްރޮޕޯޒަލް ހުށަހަޅަން، ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ) ހުޅުވާލުމުން ގިނަ ބަޔަކު ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި ލަސްވަނީ ބަދަލުތަކެއް ގެންނާތީ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް، ބޮޑު އިންވެސްޓުމަންޓަކާ ބަލާއިރު، އާރްއެފްޕީގައި ކަނޑައަޅާފައި ހުރި މިންގަނޑުތަކާ ނުބައްދަލު ކަމަށާއި އާރްއެފްޕީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެންނޫނިއްޔާ ވާގޮތަކީ މިހާރު ވަރަށް އޯޕަން ބިޑިން ސިސްޓަމެއްގައި ގެންދާ ކަމެއްވީމައި ޑަންލާފައި އާރްއެފްޕީގައި ވަކި ރިކުއާމަންޓްސްތަކަށް ބަދަލެއް ނުގެނެވޭނެ. ގާނޫނުގައި އޮންނަ ގޮތުން އަޅުގަނޑު މި ދަންނަވަނީ. މިކަމަށް ޝައުގު ވެސް އެބަ ހުރި. އެހެން ނަމަވެސް، އަޅުގަނޑުމެން މިކަން ކުރަން އުޅުނު ގޮތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދާތީ ކޮންމެސް ވަރަކަށް ލަސްތަކެއް ވަމުން ދަނީ

އެކަމަކު، އެ ބަދަލުތަކަށް ފަހުގައި، ޚިދުމަތް ފެށޭނެ ތާރީޚެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

އަމީން ކުރިން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށެވެ.

ރާއްޖޭގައި ބަލި މީހުން އުފުލަން ބޭނުންކުރާ ހެލިކޮޕްޓަރެއް: މިނިސްޓަރު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި ލަސްވަނީ އެކަމަށް ބަދަލުތަކެއް ގެންނާތީ ކަމަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެއިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނީ އެއް ރަށުން އަނެއް ރަށަށް ނުވަތަ ރަށަކުން މާލެއަށް ބަލި މީހުން ގެނައުމުގެ ކަންކަމާއި ރޭގަނޑު ފަތުރުވެރިން އުފުލުމަށް ހުރި ދަތިތަކަށް ވެސް ހައްލެއް ލިބޭ ގޮތަށެވެ.

މިދިޔަ އޮގަސްޓު މަހުގެ 21ގައި ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރްސީއެލް)އިން ވަނީ، ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދޭ ގޮތަށް ދުބާއީގެ ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝާޓޯ ޑީޑަބްލިއުސީއާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ހެލިކޮޕްޓަރާއި ޑްރޯން ޖެއްސޭ ގޮތަށް 100 ހައިބްރިޑް ވާޓިޕޯޓްސް ގާއިމުކޮށް، ހެލިކޮޕްޓަރުގެ ޚިދުމަތަށް ހުޅުވައިލާނެ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ އާބަން އެއާ މޮބިލިޓީން އޭރު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް