ހުރިހާ ޖަލުތަކާއި، ސްޓޭޝަންތަކާއި މަރުކަޒުތަކުގައި ސީސީޓީވީ ހަރުކުރެވެންދެން، ބަންދު މަރުކަޒުތަކުގައި ބައިތިއްބާ މީހުންގެ ގޮޅިތައް ގަވާއިދުން، މޮނިޓާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ލަފާ ދީފިއެވެ.
ބަންދު މަރުކަޒުތަކުގައި މި ފަހުންވަނީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހާދިސާތަކެއް ހިނގައިފައެވެ.
ކުޅުދުއްފުށީ ފުލުހުންގެ ގޮޅީގައި ހުރި މީހަކު މި މަހުގެ ހަތަރުވަނަ ދުވަހުގެ 21:12ގައި އަމިއްލަ ނަފުސަށް ގެއްލުން ދީފައިވާކަމަށް ބުނެ، ފުލުހުންގެ ޚިދުމަތުން އެޗްއާރުސީއެމަށް ރިޕޯޓު ކުރިއެވެ.
އެ ކަން ތަހުގީގު ކުރުމަށް އެ ކޮމިޝަނުގެ ޓީމަކުން ވަނީ ކުޅުދުއްފުށީ ފުލުހުންގެ ގޮޅިއަށް ޒިޔާރަތްކޮށްފައެވެ.
ގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވީ، ހދ. ކުޅުދުއްފުށީ މަނާޒްގޭ އުމުރުން 34 އަހަރުގެ ސާޖިދު ސަމީރެވެ.
ކޮމިޝަނުގެ ތަހުގީގު ޓީމުން، ކުޅުދުއްފުށީގައި ހަރަކާތްތެރި ވަމުންދަނިކޮށް، ފުލުހުންގެ ގޮޅީގައި ހުރި އިތުރު މީހަކު ވެސް އަމިއްލަ ނަފުސަށް ގެއްލުންދޭން އުޅުނު ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެއާއެކު އެ ދެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް، 2022 ވަނަ އަހަރު ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ޖަލު ބަންދުގައި ހުރި މީހަކު އަމިއްލަ ނަފުސަށް ގެއްލުން ދީފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވެއެވެ.
ފުލުހުންގެ ބަންދު ގޮޅިތަކުގައި ސީސީޓީވީ ކެމެރާ ނުހުންނަކަން ތަހުގީގަށް ފާހަގަވުމާއެކު، އެ ތަންތަނުގައި ސީސީޓީވީ ހަރުކުރަން އެޗްއާރުސީއެމުން އޮތީ ލަފާދީފައެވެ.
މި ފަހުން ދެ މައްސަލައެއް ފެންމަތިވީ ވެސް، ސީސީޓީވީ ހަރުކުރަން އެޗްއާރުސީއެމުން އެ ލަފާދީފައި ވަނިކޮށް ވެސް، އެ ތަކެތި ހަރުނުކޮށް ހުއްޓައެވެ.
މި ކަމާ ގުޅިގެން ފުލުހުންނާ ހަވާލާދީ އެޗްއާރުސީއެމުން ބުނީ، ފުލުހުންގެ މަރުކަޒުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތަށް ބަޖެޓް ލިބުމުގެ ދަތިތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް މަރުހަލާތަކަކަށް ބަހާލައިގެން އެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންނާ ހަވާލާދީ އެޗްއާރުސީއެމުން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދު ކުރެވޭ މަރުކަޒުތަކުގައި ފަހަކަށްއައިސް އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހާދިސާތައް އިތުރުވަމުންދާތީ ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް، އެ ކަމުގައި ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަންސްގެ ބަންދު ގޮޅިތަކުގައި ކެމެރާ ހަރުކުރަން އެޗްއާރުސީއެމުން އެންގީ 2022ވަނަ އަހަރެވެ.
އަދި އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ގޮޅިން ނެރުމަށްފަހު ބައިތިއްބާ ސަރަހައްދަކީ ކެމެރާ ހަރުކޮށްފައި ހުންނަ ސަރަހައްދެއްކަން ކަށަވަރުކުރުމާއެކު، އެ ފަދަ މީހުން ގާތުން ބަލައި މޮނިޓާ ކުރަން ވެސް އެޗްއާރްސީއެމުން ލަފާދިނެވެ.