ޑައިވް ކޮށްދޭން ދަސްކޮށްދޭ، މޫދުބުޅާ ޑައިވް ސެންޓަރުގެ މުވައްޒަފުންތަކަކަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
"ބޮކްސް ފިޝް ފައިލްސް"ގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ ހޭންޑަލްއަކުން އަންނަނީ، އެ ސެންޓަރުގެ ޑައިވަރުންތަކެއް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމަށްބުނެ، ހާދިސާތަކެއްގެ ވާހަކަ ހިއްސާކުރަމުންނެވެ. އެގޮތުން 15 އަހަރާއި 35 އަހަރާ ދެމެދުގެ 14 ވިކްޓިމްއެއްގެ ބަޔާންތައް ކަމަށް ބުނެ، ބަޔާންތަކެއް އާންމުކޮށްފައިވެއެވެ.
ޒޫންޓިގެ ހާޒިރުގައި އެތައް ފަހަރަކު މި ކަން ހިނގި ކަމަށާއި، އެ ތަނުގެ ގިނަ ޑައިވަރުންނަށް ވެސް މި ކަން އެނގޭނެ ކަމަށް އެ ޓްވިޓާ އެކައުންޓުން ބުނެއެވެ. އެހެން ނަމަވެސް އެ މައްސަލަ ޑައިވް ސެންޓަރުގެ ފަރާތުން ރިޕޯޓުކޮށްފައިނުވާ ކަމަށާއި، ޒޫންޓިގެ ފަރާތުން ވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ޖިންސީ ގޯނާއަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަޔާނެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މި ބަޔާނުގައި ހިމެނޭ މައުލޫމާތާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.
ރޭޕުގެ މައްސަލައެއްގައި، މުދޫބުޅާއިން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅި ކަމަށްބުނެ ވެސް ސީރިއަސް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
މި ތުހުމަތުތައް ދޮގުކޮށް އޭނާ ބުނެފައިވަނީ ތުހުމަތުތަކުގެ މައްސަލައިގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ނަމަ، އޭނާއަށް ނުވަތަ ޑައިވް ސެންޓަރާ ހަމައަށް އެ ކަން ގެނެސްދިނުމަށް އެދޭ ކަމަށެވެ. އެއާއެކު އެ ޝަކުވާއެއް ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
މޫދުބުޅާ ޑައިވް ސެންޓަރުގައި ފުރައްސާރަ ކުރުމުގެ މައްސަލަތައް ކުޑަކަމެއްގެ ގޮތުގައި ނުނަގާ ކަމަށާއި، އެ ފަދަ ކަންކަމުގައި އަވަސް ފިޔަވަޅު އަޅަންޖެހޭނެކަން އޭނާ ފާހަގަކުރިއެވެ.