ސައިފްގެ ފިލްމު 'ޖުވެލް ތީފް'ގެ ޓްރެއިލާ ދައްކާލައިފި

މި މަހުގެ 25 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޖުވެލް ތީފް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސްގެ އުފެއްދުމެކެވެ.

ވަރަށް ވަރުގަދަ ހައިސްޓް އެކްޝަން ތުރިލާއެއް ކަމަށްވާ މި ފިލްމުގެ ޑައިރެކްޓަރަކީ ކޫކީ ގުލާޓީ އަދި ރޮބޯ ގަރޭވާލްއެވެ. ސައިފް އަލީ ޚާން، ޖައިދީޕް އަހުލަވަތު، ނިކީ ދައްތާ އަދި ކުނާލު ކަޕޫރު މުހިއްމު ރޯލްއިން ފެންނާނެ "ޖުވެލް ތީފް" އަކީ މި އަހަރު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެ އެންމެ އުއްމީދީ ފިލްމެވެ.

ފިލްމުގައި ސައިފް އަލީ ޚާން ފެންނާނީ އެފްރިކާގެ އެންމެ އަގުބޮޑު 'ދަ ރެޑް ސަން'ގެ ނަމުން ނަންދެވިފައިވާ ޖަވާހިރެއް ވަގަށް ނެގުމުގެ ބޮޑު ޖަރީމާއެއް އިސްވެ ހުރެ ހިންގާ މީހެއްގެ ރޯލެވެ. މި ޖަވާހިރު ވަގަށް ނެގުމުގެ ތެރޭ އެކަން އޭނާއާ ހަވާލުކުރި ފަރާތުން ހަގީގަތުގައި ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާކަން ފަޅާ އެރުމުން ހިނގާ ކަންތައްގަނޑެއް ފިލްމުން ފެންނާނެއެވެ.

ފިލްމު "ޖުވެލް ތީފް"ގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި އެ ފިލްމުގެ ކާސްޓުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ވާހަކަ ދައްކަމުން ސައިފް ބުނެފައި ވަނީ އާއްމުކޮށް ފިލްމުތަކުގައި ދައްކާ ހައިސްޓްއެއް ރާވާ ހިންގާ ބަޔަކު އެ ހިންގަނީ އޭގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް ވާތީ ކަމަށެވެ. މިފަހަރުގެ ފިލްމު "ޖުވެލް ތީފް"ގެ ސްޓޯރީ ވެސް ބިނާވެފައި އޮތީ ދާދި އެއްކަހަލަ ގޮތަކަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ސައިފް "ޖުވެލް ތީފް"ގައި ފެންނަ ފަދަ ރޯލެއް ކުރިން ކުޅެފައި ވަނީ އެކްޓަރުގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް ކަމަށްވާ "ރޭސް"ގައެވެ. ފިލްމު "ޖުވެލް ތީފް"ގެ އިތުރުން ސައިފް ވަނީ ނެޓްފްލިކްސްއިން ގެނެސްދިން "ސޭކްރެޑް ގޭމްސް"ގެ ވެސް ލީޑް ރޯލުން ފެނިފައެވެ.

comment ކޮމެންޓް