ބިލު އޮތީ އިސްރާއިލުގެ ވެރިންނަށް އެތެރެވެވޭ ގޮތަށް، އެއީ ފަލަސްތީނަށް ކުރި މަލާމާތެއް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް -- ފޮޓޯ: މަޖިލިސް

އިސްރާއީލް ޕާސްޕޯޓު މަނާކުރާ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން އިއްޔެ ފާސްކުރީ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް އިސްރާއީލް މީހަކަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު އަދިވެސް ފަހިވާ ގޮތަށް ކަމަށާއި، އެއީ ފަލަސްތީނަށް ކުރާ މަލާމާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

241 ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު، ތަޅުމަށް ފޮނުވައިފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ ކޮމިޓީން ކުއްލިއަކަށް ބިލުގެ މަސައްކަތް ކުރީ އެ ބިލަށް 'ހިރަފުސް' އަރުވައިފައި ބޭއްވުމަށްފަހު، ކުރިމަތިވަމުން އައި ޕްރެޝަރާއެކު ކަމަށެވެ.

"ސަރުކާރަށް ކުރިމަތިވަމުންދާ ޕްރެޝަރަށް ކެތްނުކުރެވިގެން މިއަދު އަޅުގަނޑުމެންނަށް މި ފެންނަނަނީ މި ބިލު ހުށަހެޅި މަގްސަދާ މުޅިން ޚިލާފަށް މި ބިލު މުޅިން އޮޅައިލުމަށްފަހު އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވައިލައިގެން މި ބިލުގެ މަސައްކަތް ނިންމައި، މި ބިލުން އެ ބޭފުޅުންނަށް ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓެން ވެގެން މި ބިލު ފާސްކުރަން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މީކާއީލް ވިދާޅުވިއެވެ.

މި ބިލު އެމްޑީޕީގެ ފަރާތުން މީކާއީލް ހުށަހެޅުއްވީ އިޚްލާސްތެރި ނިޔަތެއްގައި ނޫންކަމަށް ސަރުކާރުގެ މެންބަރުން ތުހުމަތުކުރައްވަމުން ގެންދެވިއިރު، އެއަށް ރައްދު ދެއްވައި މީކާއީލް ވިދާޅުވީ މިހާރު އެ ބިލުގައި، ޑުއަލް ޕާސްޕޯޓު އޮތް އިސްރާއީލް މީހުންނަށް ރާއްޖެ ނާދެވޭނެކަމަށް އޮތް މާއްދާ ނެތް ކަމަށާއި، އެއީ ބިލު ހުށަހެޅި މަގްސަދާ ޚިލާފު ކަމެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ ޑުއަލް ޕާސްޕޯޓުގެ ވާހަކަ ސާފުކޮށް ބިލުގައި ނެތްނަމަ، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރި ނަމަވެސް އެ މީހުން ގެންގުޅޭ ދެވަނަ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މީގެ އިތުރުން އެ ބިލުގައި އޮތީ "އޮކްޓޫބަރު 7، 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން" ކަމަށް ވުމާއެކު މީކާއިލް ވަނީ ބިލުގައި މިހާރު ބަޔާންކޮށްފައިވާ "ލާއިންސާނީ އަނިޔާ" ކަނޑައަޅާނީ ކާކުތޯ ވެސް ސުވާލު އުފައްދަަވައިފައެވެ.

އަދި ލާއިންސާނީ އަނިޔާތައް ހުއްޓައިލީކަން ކަނޑައަޅަނީ ކާކުތޯ ވެސް ސުވާލު އުފެއްދެވިއެވެ. ހަމައެއާއެކު ޑުއަލް ޕާސްޕޯޓުގެ ވާހަކަ ސާފު ބަހުން ހިމަނައިފައި ނެތުމުން އަދިވެސް އެ މީހުންނަށް ރާއްޖެ އާދެވޭ ގޮތަށް، ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސަރުކާރަށް ހުޅަނގުގެ ޕްރެޝަރު އޮވެގެން ކުރާ ކަމެއްކަމަށް ވެސް މީކާއިލް ތުހުމަތުކުރެއްވިއެވެ.

ނަތީޖާއަކަށް ވާނީ އިސްރާއީލު އަސްކަރިއްޔާގައި އުޅޭ މީހުންނަށް ވެސް ޑުއަލް ޕާސްޕޯޓުގައި ރާއްޖެ އާދެވުން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކޮމިޓީން ބިލަށް އިސްލާހު ގެނެސްފައިވާ ގޮތާމެދު ޚިޔާލު ފާޅުކޮށް އެ ކަމާ ދެކޮޅު ހެދުމަކީ އޭނާގެ ހައްގެއްކަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ހުށަހެޅި ބިލެއް 308 ދުވަސް ވަންދެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ރީއްޗަށް ހިރަފުސް އަރުވަން ބާއްވައިލައްވައިގެން ތިއްބަވައިފައި، އިއްޒަތްތެރި ރައީސް މިއަދު މި ގެންނަވާ ސަބަބު ރައްޔިތުންނަށް ހާމަވަން ޖެހޭ،" މީކާއީލް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ، ސާފު މާނަ ނުނެގޭ، މާނަކުރަންޖެހޭ އިބާރާތްތަކުން ބިލެއްގައި އިބާރާތްކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި މިހާރު މި ބިލު އޮތް ގޮތުން މިއީ ފަލަސްތީނު ރައްޔިތުންނަށް ކުރެވޭނެ މަލާމާތެއްކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

https://sun.mv/204765

މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތް، އިސްރާއިލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ވެސް ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދެވެ.

އެ އިސްލާހަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ.

އިސްލާހުތަކާ އެކު ބިލު ފާސްކުރަން ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު މި ބިލަށް ވޯޓަށް އަހާނެއެވެ.

comment ކޮމެންޓް