އެކާވީސް އަހަރުގެ ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން އަމަލުކުރިގޮތުގެ ޕާލިމަންޓްރީ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދު ހުށަހަޅުއްވައިފިއެވެ.
ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް އަޒާން ފޮނުއްވި ސިޓީއެއްގައި ވަނީ، އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެފަދަ އެހެން ހާދިސާތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތްތަކާ ޚިލާފަށް ކަމަށެވެ.
އެގޮތުން އަޒާން ވިދާޅުވީ، މިއީ ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިފައި އޮތް މައްސަލައެއް ކަމަށްވާއިރު، މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާ އެކު ގާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ދިފާއުގައި ރޭ ޒުވާނުން ފުލުހުންގެ އޮފީސް ދޮށަށް އެއްވެފައި ----- ސަން ފޮޓޯ/ މޫސާ ނަދީމް
އެހެންކަމުން، މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ ޚިދުމަތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސް ދިނުމަށް އަޒާން ވަނީ އެދިވަޑައިގެންފައެވެ.
އެ މައްސަލައިގައި ރޭ ފުލުހުންގެ އޮފީސް ދޮށަށް އެއްވެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޒުވާނުން ބުނެފައިވަނީ، ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭ ކަމަށެވެ. އަދި، ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ފުލުހުން އާންމުކޮށް ހުޅުވައިނުލާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާ އެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެއީ، އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.

ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ދިފާއުގައި ރޭ ޒުވާނުން ފުލުހުންގެ އޮފީސް ދޮށުގައި ޝުއޫރު ފާޅުކުރަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް
އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ. އަދި އެ ކަމުގައި ސިޔާސީ ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވެއެވެ.
އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.
ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.
އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އަންހެން ކުއްޖާއާއި، އޭނާއާ އެކު އުޅުނު ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން މަގުމަތީގައި އެ ވަގުތު އުޅުނީ ވެސް ހުސްފަޔާއެވެ.
އަންހެން ކުއްޖާ ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީއަށް ވަތް ފަހުން، އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި ގޮސް އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.