14 އަހަރުގެ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް، އެއްބާރުލުން ނުލިބިގެން މަޑުޖެހިފައި

ފުލުހުންގެ ހެޑްކުއާޓާ، ޝަހީދު ހުސައިން އާދަމް ބިލްޑިން: ފުލުހުން ބުނީ، 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް އެއްބާރުލުން ނުލިބިގެން މަޑުޖެހިފައިވާ ކަމަށް -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

މީގެ ދެ އަހަރު ކުރިން، 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދައްކައި، ބަރަހަނާ މަންޒަރު ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، މައްސަލަ ހުށަހެޅި ފަރާތުގެ އެއްބާރުލުން ނުލިބިގެން އެ މައްސަލަ މިހާތަނަށް ވެސް ނިމިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއީ މ، ފ، ދ، ތ، ނުވަތަ ލ އަތޮޅުގެ ރަށަކުން 2022ވަނަ އަހަރުގެ ޖެނުއަރީ 22ގައި ރިޕޯޓު ކުރި މައްސަލައެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި، ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފޮރެންސިކް ތަހުލީލުތައްކޮށް، ހަ މީހެއްގެ ބަޔާނާއި ހެކިބަސް، އަދި އިތުރު ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުޑަޖުއްކާ ބުނާބުނުން ފިޔަވައި، ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ، ކުޑަކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ނުފެނުނެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކޮށް، 2022ވަނަ އަހަރުގެ އޭޕްރީލް 22ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާހުތައް ގެނައުމަށް އެ އިދާރާއިން އެދިފައިވާ ކަމަށެވެ. އެ އިސްލާހުތައް ގެނައުމަށް، މައްސަލަ ހުށަހެޅި ފަރާތުގެ އެއްބާރުލުން މިހާތަނަށް ވެސް ލިބިފައިނުވާތީ، އަދި ވެސް މައްސަލަ އޮތީ ނުނިމި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް