ސިނަމާލެ ބުރިޖުގެ ހައިވޭގައި މިއަދު ވޭނަކާއި ސައިކަލެއް އެކްސިޑެންޓުވެ، ސައިކަލުގައި އިން ހަ އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެެޖެއްގައި ބުނީ އެކްސިޑެންޓުވީ، ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި، މާލެއިން ހުޅުމާލެއަށް ދާ ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށެވެ.
އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 17:53ހާއިރެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން ހަ އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ދުއްވަން އިން މީހާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
އެ ކުޑަކުއްޖާއަށް ވެސް އަދި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ލިބުނު އަނިޔާގެ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓުވުމުން ކުޑަކުއްޖާ ވިއްސައިގެން ގޮސް ޖެހިފައިވަނީ، ސައިކަލާ ދުރު ހިސާބެއްގައެވެ. ހައިވޭގެ އެ ހިސާބަށް ލޭ ފައިބައިފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.