ޚަރަދުކުޑަކުރަން ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަނީ

ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ހޫގޯ ޔޮން --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން މިހާރު އަޅަމުން އަންނަ އިގްތިޞާދީ ފިޔަވަޅުތަކުގެ ތެރެއިން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ އެމްބަސީތަކެއް ބަންދުކުރާއިރު، ރާއްޖޭގައި ހުންނަ އެމްބަސީ ވެސް ބަންދުކުރަން ހަމަޖެހިފައިވާކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޓްރަމްޕުގެ ސަރުކާރުން ގެންދަނީ 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓެއް ބަންދުކުރުމަށް މަޝްވަރާކުރަމުންނެވެ. އަދި ގިނަ ޚާރިޖީ މިޝަންތަކަކުން މުވައްޒަފުން މަދުކުރުމަށް ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މެމޯތަކަކާ ހަވާލާދީ ބައިނަލްއަގްވާމީ ނޫސްތަކުގައިވާ ގޮތުން މިއީ ޚަރަދުކުޑަކުރުމަށް އެ ޑިޕާޓްމަންޓުން ކަނޑައަޅައިފައިވާ ޕްލޭންގެ ދަށުން ކުރަން ރާވައިފައިވާ ކަމެކެވެ. އެގޮތުން އެ ޑިޕާޓްމަންޓުގެ ވެރިން އަންނަނީ، ސްޓޭޓް ޑިޕާޓްމަންޓުގެ ޚަރަދު 50 އިންސައްތަ ކުޑަކުރުމަށް ރޭވުންތައް ރާވަމުންނެވެ.

މި ސިޔާސަތުގެ ދަށުން ބަންދުކުރާ ބައެއް އެމްބަސީތަކުގެ ތެރޭގައި، އެފްރިކާ ބައްރުން: ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގެމްބިއާ، ލެސޯތޯ، ދަ ރިޕަބްލިކް އޮފް ކޮންގޯ، ދެކުނު ސޫދާން ހިމެނެއެވެ. މި ގައުމުތަކާ ގުޅުންހުރި މަސައްކަތްތައް ހަވާލުކުރާނީ އެ ތަންތަނާ ކައިރީ ހުރި އެހެން އެމްބަސީތަކަށެވެ.

މީގެ އިތުރުން ޔޫރަޕުން ލަގްޒެމްބޯގާއި، މަލްޓާގެ އެމްބަސީ ބަންދުކުރާއިރު، މި ސަރަހައްދުން ރާއްޖޭގެ އެމްބަސީ ބަންދުކުރުން ހިމެނެއެވެ.

ދިވެހި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެމްބެސެޑަރަކަށް އައްޔަން ކުރެއްވީ ހޫގޯ ޔޮންއެވެ. އޭގެ ކުރިން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއިންނެވެ.

ބަންދުކުރަން ހުށަހަަޅައިފައިވާ ގިނަ ކޮންސިއުލޭޓުތައް ހުރީ ޔޫރަޕުގައެވެ. އަދި އެ ތަންތަނަކީ އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު މަންޒިލުތަކެވެ. އެގޮތުން ފްރާންސްގެ ފަސް ކޮންސިއުލޭޓަކާއި، ޖަރުމަނުގެ ދެ ކޮންސިއުލޭޓަކާއި، ބޮސްނިއާ އާއި ހާޒެގޮވިނާގެ އެއް ކޮންސިއުލޭޓް ހިމެނެއެވެ.

މި ނިންމުން ތަންފީޒުކޮށްފިނަމަ ޔޫރަޕުގައި އެމެރިކާގެ ސީދާ ޑިޕްލޮމެޓިކް ޚިދުމަތް ނުވަތަ މިޝަންތައް ހުރި މިންވަރަށްވުރެ އެމެރިކާގެ ވާދަވެރިޔާ ޗައިނާގެ މިޝަންހުރި މިންވަރު އިތުރުވާނެއެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ބަޖެޓް މެމޯގައި އިތުރަށް ހުށަހަޅާފައިވަނީ އދ. އަދި ނޭޓޯއަށް ދޭ މާލީ އެހީ އުވައިލުމަށާއި، އިންސާނީ އެހީ އަދި ބައިނަލްއަގްވާމީ ސިއްހީ ޕްރޮގްރާމްތަކަށް ދޭ އެހީ 50 ޕަސެންޓަށްވުރެ ބޮޑަށް ކަނޑާލުމެވެ. މީގެ ތެރޭގައި އެޗްއައިވީ ފަރުވާތައް ވެސް ހިމެނެއެވެ.

ކުރީގެ ރައީސް ޖޯ ބައިޑަން ސޮއިކުރައްވާފައިވާ ބައިޕާޓިސަން ޗިޕްސް އެކްޓްގެ ދަށުން ކޮންގްރެސްއިން ފާސްކޮށްފައިވާ، އަދި މިހާތަނަށް ބޭނުން ނުކުރެވި ހުރި ފައިސާ އަނބުރާ ނެގުމަށް ވެސް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް