ހުކުރު މިސްކިތަށް އިހުމާލުވުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި: އާދަމް ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު, އާދަމް ނަސީރު އިބްރާހީމް: ވިދާޅުވީ ހުކުރު މިސްކިތަށް އިހުމާލުވެފައިވާ ކަމަށް -- ފޮޓޯ/ މަޖިލިސް

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ހުކުރު މިސްކިތް މަރާމާތު ކުރުމަށް ކަންތައް ކޮށްފައިވާ ގޮތުން އެ މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް, ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭ ހުކުރު މިސްކިތް މަރާމާތުކުރުމަށް ތަކެތި ގެނެސްފައިވަނިކޮށް، ސަރުކާރު ބަދަލުވުމާ އެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިދިޔަ މަހު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

https://www.sun.mv/203486

ހުކުރު މިސްކިތުގެ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިގެން, މިއަދު ވަނީ މިނިސްޓަރު އާދަމް ނަސީރު މަޖިލީހުގެ ތަޅުމަށް ހާޒިރުކުރައްވައިފައެވެ.

ހުކުރު މިސްކިތުގެ މަރާމާތު ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ވިދާޅުވީ, އެ މިސްކިތުގެ މަރާމާތުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ މަސައްކަތް އޮތީ ހުއްޓާލާފައި ކަމަށް އާދަމް ވިދާޅުވިއެވެ.

ހުކުރު މިސްކިތަށް ގެއްލުންވެފައި: ޔުމްނާ ވަނީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ޔުމްނާ މައުމޫން

އޭރު މަސައްކަތްތައް ކޮށްފައިވާގޮތުން މިސްކިތުގެ ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަރާމާތަށް ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިފައިވާ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.

"ބައެއް މަތި ވަޑާންތަކުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ވަނީ ހަލާކުވެފައި. އެހެންކަމުން މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި،" މިސްކިތުގެ ފޮޓޯއެއް ދައްކާލައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

"އެ ގެއްލުންވެފައިވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން. އިހުމާލުވެފައިވާތީ,"

އެތަނުގެ އަސްލު ގެއްލޭގޮތަށް ތަނބުތަކެއް މިހާރު ޖަހާފައިވާ ކަމަށް ދައްކާ ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން އެ މިސްކިތުގައި ޖެހި އެންމެ ތަނބެއް ވެސް ނުހުންނާނެ ކަމަށެވެ. އެކަން ވެސް ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު މިސްކިތުގައި މީހަކު ނަމާދު ކުރަނީ: އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މާލޭ ހުކުރު މިސްކިތް 2019ގެ ސެޕްޓެމްބަރު މަހު ވަގުތީ ގޮތުން ބަންދުކުރިއެވެ. އެއީ، ވަރަށް ގަދައަށް ކަތުރުފަނި އަޅައި، މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ކަންކަން ރަނގަޅު ކުރުމަށެވެ.

ކުރީ ސަރުކާރުގައި 2019ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ހުކުރު މިސްކިތް މަރާމާތު ކުރުމުގައި އެހީތެރިކަން ދެއްވުމަށް ވެސް ނިންމަވައިފައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

އެ މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް ކުރުމަށް ފަހު 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ހުޅުވިއެވެ. އޭގެ ފަހުން ވެސް މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މި ސަރުކާރު އައުމާއެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޔުމްނާވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ކުރީ ސަރުކާރުގައި އާސާރީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރަމުން އައީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ގައުމިއްޔަތަށް ވަކިން ޚާއްސަ އިސްކަމެއް ދެއްވާނެކަމުގެ ވައުދާ އެކު ކަމަށްވާއިރު، އެ ވައުދުގެ ދަށުން އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ ނަމާއި މަސްއޫލިއްޔަތުތައް ބަދަލުކުރައްވައިފައެވެ. އެގޮތުން، ތަރިކައާ ގުޅުންހުރި މަސައްކަތްތައް މިހާރު ބަލަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީންނެވެ.

މާލޭ ހުކުރު މިސްކިތް ބިނާކޮށްފައިވަނީ 1656 ވަނަ އަހަރެވެ. އެއީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތް ވެސްމެއެވެ.

ހިރިގަލުން ހަދާފައިވާ ހުކުރު މިސްކިތަކީ ދިވެހީންގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފެންނަން ހުރި ތަނެކެވެ. ހިރިގަލުގައި ކަނޑައިގެން ކުރަހާފައިވާ ކުރެހުންތަކާއި ލިޔެލާޖެހުމާއި މޮޅު ވަޑާމަކީ އެ މިސްކިތުގެ ޚާއްސަ ސިފަތަކެވެ. މި މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 2008 ވަނަ އަހަރެވެ.

comment ކޮމެންޓް