"ވަގެއް" ގަޔަށް ކުލަ ފާޓާ އޮއްސާލި މައްސަލަ ފުލުހުން ބަލަނީ

މާފުށީގައި، ވައްކަމުގެ ތުހުމަތުވާ މީހެއްގެ ގަޔަށް ކުލަފާޓާއެއް އޮއްސާލުން: އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން ----

ކ. މާފުށީގައި ފިރިހެނަކަށް ވަގެއް ކަމަށް ތުހުމަތުކޮށް، އޭނާ ހިފަހައްޓައި ބޭންދުމަށް ފަހު، ހުދު ކުލަ ފާޓާއެއް އޮއްސާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލްމީޑިއާގައި މިފަހުން ވަނީ އެ ތަން ފެންނަ ވީޑީއޯ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ވައްކަން ކުރިކަމަށް ތުހުމަތުވާ މީހާ ކުލަ ފާޓާ ކައިރި އިށީނދެ އިންނަ ތަނެވެ. އެ ތަނުގައި ބައެއް މީހުން ތިއްބެވެ. ދެން، ފެންނަނީ މީހަކު އޭނާގެ ގަޔަށް ހުދުކުލައިގެ އެ ކުލަ ފާޓާ އަޅައިލާ ތަނެވެ.

އެހެން ވީޑިއޯތަކުގައި އެ މީހާ ފުލުސް ޖިޕަކަށް އަރުވާ ތަން ވެސް ފެނެއެވެ. އަދި ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ބާލުވައި ވައްދާތަން ވެސް ފެނެއެވެ.

އެ މައްސަލަ ބަލާތޯ 'ސަން' އިން ސުވާލުކުރުމުން ފުލުހުން މީޑީއާ އޮފިޝަލު މިއަދު ވިދާޅުވީ، މާފުށީގައި މީހެއް ގަޔަށް ކުލަ ފާޓާއެއް އޮއްސައިލި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒް ހުސައިން ރޭ ވިދާޅުވީ، ރައްޔިތުން ގާނޫނު އަމިއްލަ އަތަށް ނެގުން ހުއްޓުވަން ޖެހޭ ކަމަށާއި، ނޫންނަމަ އަނިޔާކުރުން އާންމުވެދާނެ ކަމަށެވެ.

https://sun.mv/204827

އެގޮތުން، ވައްކަމުގެ ތުހުމަތު ކުރެވޭ މީހާއާއި އެ މީހާ ގަޔަށް ކެމިކަލް ކުލަފާޓާ އޮއްސައިލި މީހާ ވެސް އެ ތިބީ ގާނޫނުގެ ކުރިމަތީގައި ޖިނާއީ ކުށެއްގެ ތުންފަތްމަތީގައި ކަމަށް ފާއިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވައްކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ ފަދައިން، ކުލަފާޓާ އޮއްސައިލި މީހާގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށެވެ.

އެ ހާދިސާ ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނެއްގައި ވަނީ ކުށަކަށް އަރައިގަތް ކަމަށް ތުހުމަތުވާ މީހުންނަށް އާންމުން އަނިޔާ ދިނުން ފަދަ އަމަލުތައް ނުހިންގައި، ކަމާ ގުޅުންހުރި އިދާރާއަށް ރިޕޯޓުކުރުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް