ސީއެސްސީގެ މެންބަރުކަމަށް މުޖުތާޒު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދިން މުޙައްމަދު މުޖުތާޒު --

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މުޙައްމަދު މުޖުތާޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ސީއެސްސީއަށް މުޖުތާޒު އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަން ފޮނުއްވީ މި މަހުގެ ހަތްވަނަ ދުވަހެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނަން ދިރާސާކުރުމަށްފަހު މިއަދު ވޯޓަށް އެހިއިރު ވޯޓުގައި ބައިވެރިވި ޖުމްލަ 71 މެންބަރުން ވަނީ ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވައިފައެވެ.

މުޖުތާޒުވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދައިކުރެއްވިއެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ މިދިޔަ މަހުގެ 11ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް