ސުޕްރީމް ކޯޓަށް ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރައްވައިފި

ސުޕްރީމް ކޯޓަށް ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރެއްވުން: ދެ ބޭފުޅުންނަށް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން, ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ މި މަހު ދެވަނަ ދުވަހެވެ. މަހުގެ ހަތަރުވަނަ ދުވަހު ޖުޑީޝަރީ ކޮމިޓީން ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކޮށްފައެވެ.

އެހެންވެ، އެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިފައެވެ.

ދެ ފަނޑިޔާރުންނަށް ވެސް ރުހުން ދީފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ. އެ ގޮތުން، ފަނޑިޔާރު ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.

އެއަށްފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އެ ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ރައީސާއި ފަނޑިޔާރު ހަމީދު: މަޖިލީހުން ހަމީދަށް ރުހުން ދިނީ 60 ވޯޓުން -- ފޮޓޯ/ ރައީސް އޮފީސް

ދެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އެ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ސަލީމް އައްޔަންކުރަން ނިންމީ އޭނާގެ ޝަރުތު ހަމަވާކަމާ މެދު ސުވާލު އުފައްދާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

https://sun.mv/207163

ސަލީމް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތީ މީގެ ތިން އަހަރު ކުރިން، އޮގަސްޓު 9، 2022ގައި ކަމަށްވާއިރު އޭގެ ކުރިން 12 އަހަރު ވަންދެން އޭނާ ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. އެހެންވެ، ވަކީލުކަން ކުރުމުގެ ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކަމަށް ބެލެވޭނެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުކަން ހުސްވީ، ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.

މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަޒްމިރަލްދާއާއި މަހާޒާ އެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ.

ރައީސާއި ފަނޑިޔާރު ސަލީމް: މީގެ ކުރިން ހުންނެވީ ހައިކޯޓުގެ ފަނޑިޔާރަކަށް -- ފޮޓޯ/ ރައީސް އޮފީސް

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުން ވަކިކުރީ މިދިޔަ މަހުގެ 14ގައެވެ.

comment ކޮމެންޓް