ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާ އެމްބަސީތަކުގެ މަގާމުތައް ހުރީ ފުރިބާރުވެފައި ކަމަށާއި އެންމެ ކުޑަ މުސާރަ ލިބޭ މީހާއަށް ވެސް 2،000 ޑޮލަރު (30,840ރ.) ލިބޭކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ، ރާއްޖޭގެ އިގުތިޞާދީ ހާލަތަށް ތަފުސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ގިނަ އަދަދަކަށް މީހުން އައްޔަނުކޮށްފައި ތިބި ކަން އުމަރު ހާމަކުރެއްވިއެވެ.
އެ މީހުންނަށް ވަރަށް ބޮޑު މުސާރައެއް ދޭ ކަމަށާއި މިހާރު އެމްބަސީތައް ހުރީ ފުރިބާރުވެފައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ގިނަ މަގާމުތައް ދީފައި ހުރީ އާއިލާގެ ބޭފުޅުންނަށް ކަން ފާހަގަކުރައްވައި، އުމަރު ވިދާޅުވީ އެ މުސާރަތައް ދެނީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ.
ބައްލަވާ ތިހިރަ ބޭރުގައުމުތަކުގައި ހުރި އަޅުގަނޑުމެންގެ އެމްބަސީތަކުގައި ތިބި މީހުންގެ އަދަދު. ކީއްކުރާ މީހުނެއް ތޯ އެމްބަސީތަކުގައި ތިތިބީ. އެހާ ބޮޑެތި މުސާރަ ދީފައި. މިވެނި މިނިސްޓަރެއްގެ ދަރިފުޅު. އެވެނި މިނިސްޓަރެއްގެ އަނބިކަނބަލުން. އެބޭފުޅުންނަށް އެމްބަސީތަކުން މަގާމުތައް ދީފައި އެމްބަސީތައް އެ އޮތީ ފުރިބާރުވެފައި. އެންމެ ކުޑަ ބޭފުޅާގެ މުސާރައަކީ ވެސް 2،000 ޑޮލަރުކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ވިދާޅުވީ ބޭރުގެ އެމްބަސީތައް މިހާރު ހުރީ ފުރިބާރުވެފައި ކަމަށް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އުމަރު އެހެން ވިދާޅުވިއިރު، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ބޭރުގެ އެމްބަސީތަކަށް ގިނަ އަދަދަކަށް ގާތް މީހުން އައްޔަނުކޮށް، ބޮޑެތި ޚަރަދުތަކެއް ކުރިއެވެ. އޭރު އިދިކޮޅުގައި އޮތް ޕީއެންސީން އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމުލަ އަދަދުގެ 20 ޕަސެންޓަށްވުރެ މަދުންނެވެ.
ނަމަވެސް މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އިތުރެވެ.
އެގޮތުން މިދިޔަ ސަރުކާރުގައި އޮކްޓޯބަރު 2023ގެ ނިޔަލަށް އެ މިނިސްޓްރީގައި 137 ފޮރިން ސާވިސް މުވައްޒަފުން ތިބިއިރު، 116 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެފަހުން މި ސަރުކާރު އައުމަށްފަހު މިއަހަރުގެ ޖެނުއަރީ 2025ގެ ނިޔަލަށް އެ މިނިސްޓްރީގައި 139 ފޮރިން ސާވިސް މުވައްޒަފުން ތިބިއިރު، 132 ސިޔާސީ މުވައްޒަފުން ތިއްބެވެ.
އިތުރަށް ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މިހާރު ރާއްޖެ އޮތީ އިގުތިސާދީ 'ފުން ވަޅުގަނޑެއްގައި' ކަމަށާއި އެއީ ހުރިހާ ސަރުކާރުތަކުން ނެގި ދަރަނި ތަކުގެ ނަތީޖާ ކަމަށް އުމަރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތައް އުފެދުނު ހިސާބުން ފެށިގެން ދަރަނިތައް ނަގަން ފަށާފައިވާއިރު، އެކަމުގެ ޒިންމާ ނަގަން ޖެހެނީ ހުރިހާ ސިޔާސީ ޕާޓީތަކުން ކަން އުމަރު ވަނީ ވިދާޅުވެފައެވެ. އެކަމަކު، ސަރުކާރުން ދަރަނީގެ ވަޅުގަނޑު ފުންކުރަމުން އައުމަކީ ވަރަށް ގޯސް ކަމެއްގެ ގޮތުގައި އުމަރު ވަނީ ސިފަކުރައްވާފައެވެ.
ދަރަނީގެ މައްސަލައެއް ހަމައެއް ނުޖެއްސޭނެ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަނުކޮށެއް. އަޅުގަނޑުމެން ޚަރަދު ކުޑަކުރުން ނޫން އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެސް ދެންނެވިން ދިވެހި ދައުލަތް އެބަ ޖެހެޔޭ 30 ޕަސެންޓު ކުޑަކުރަން. ދިވެހި ދައުލަތަކުން، ސަރުކާރަކުން ކުރަން ނުޖެހޭ ބޭކާރު ޚަރަދުތައް އެބަ ކުރޭ
އުމަރު ވިދާޅުވީ، ސަރުކާރަކަށް ބޭނުންނުވާ ކަހަލަ 60 ހަކަށް ގާނޫނާއި ގަވައިދު އެބަހުރި ކަމަށާއި އެ އެއްޗެހި އުވާލަން ޖެހޭ ކަމަށެވެ. އެއާއެކު، ބޭކާރު ޚަރަދުތައް ދޫކޮށްލާފައި، 30 އިންސައްތަ ދައުލަތް ކުޑަކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ނޫންނަމަ ގައުމު ދަރަނިވެރިވާނެ ކަމަށެވެ.
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: އުމަރު ވަނީ މިހާރު ރާއްޖޭގެ އިގުތިޞާދީ ހާލާތު ކިޔައިދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސަރުކާރުން ޚަރަދުކުޑަ ކުރަން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި ނަމަވެސް، ހައްދަވަނީ އިތުރުފުޅެއް ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ.
އޭގެއިތުރަށް އުމަރު ވަނީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް 15 ބިލިއަނެއްހާ ރުފިޔާއަށް ބިމެއް ވިއްކައިގެން އެ ފައިސާ ނަގަން ސަރުކާރުން މަސައްކަތްކުރާ ވާހަކައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެކަމުގެ ސަބަބުން ޑޮލަރު ރޭޓު އާދާޔާ ޚިލާފަށް މައްޗަށްދާނެ ކަމަށާއި ވިޔަފާރިތައް ދަށަށްދާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތައް ދަރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވީމައި އިގުތިޞާދު މެނޭޖުކުރުމުގައި ހަމަ ސުމެކޭ ދަންނަވަން ޖެހޭނީ. މިދާ ރޭޓުގައި ގޮއްސިއްޔާ އަޅުގަނޑު ވަރަށް ހިތާމަޔާ އެކުގައި ދަންނަވަން ޖެހޭނީ އަޅުގަނޑުމެން ދަރާނޭ. އަޅުގަނޑުމެނަކަށް ނުފެނޭ އަދި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ ވާހަކައެއްކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ފިނޭންސް މިނިސްޓްރީގެ އިސްބޭފުޅަކާ ހަވާލާދެއްވައި އުމަރު ވިދާޅުވީ، މީހުންނަށް މުސާރަ ދީފައި އެހެން ކަމެއް ކުރާނެ ފައިސާއެއް ނެތް ކަމަށެވެ. އަދި، ސަރުކާރާއެކު ވިޔަފާރި ކުރަން ޕްރައިވެޓު ކުންފުނިތައް ޖެހިލުންވާކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ.
އިގުތިޞާދުގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ، ދައުލަތުގެ 30 އިންސައްތަ ކުޑަކޮށް ޚަރަދު ކުޑަކުރުން ކަމަށް އުމަރު ދެކިވަޑައިގަންނަވައެވެ.
އޭގެއިތުރުން، މިދިޔަ ބުރާސްފަތީގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރުގެ ދައުލަތުގެ ބަޖެޓު އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކިދާނެކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި، ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެއެވެ.
ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށް މާލީ ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި އަހަރާއި އަންނަ އަހަރަކީ ސަރުކާރުގެ ވައުދުތަކާއި ހިންގަން ވައުދުވި މަޝްރޫއުތައް ހިންގާ ނިންމާނެ ދެ އަހަރު ކަމަށް އިއުލާނުކުރައްވައިފައެވެ. ރަށްރަށަށް ވަޑައިގެން ވެސް އެ މަނިކުފާނު އެކަން އިއުލާނުކުރެއްވިއެވެ.